ނެތިމޮށުމަކީ ވަގުތީ ހިތްހަމަޖެހުމަކާއި އުފަލެއް އެކަމުގެ އަހުލުވެރިޔާއަށް ލިބިދާނެ ކަމެކެވެ. ހަމަ އެހިނދުން އޭގެ އަޒާބާއި ފާފަ ވެސް ބޮލުއަޅަންޖެހޭ ނުރައްކާތެރި ކަމެކެވެ. ގިނަމީހުން ތިބޭ ތަނެއްގައި ތިމާގެ މޮޅުކަން ހާމަވާހެން ހީވެ، އެހެން މީހަކު ނިކަމެތި ކުރެވޭ ކަމުގެ އިހުސާސް ވިޔަސް، އެއީ ވަގުތީ ހީއެކެވެ. ސަކަމަޖާ އޮތީ އޭގެ ކުރީކޮޅުގައި އެކަންޏެވެ. އޭގެ ފަހުކޮޅުގައި އޮތީ ހިތްދަތިކަމެވެ. ވޭނާއި ކެކުޅުމެވެ. ނަފުރަތާއި ރުޅިވެރިކަމެވެ. ފިތުނަޔާއި ފަސާދައެވެ. ދޭދޭމީހުންގެ މެދުގައި ނުފެށިނުދާނެ މައްސަލަތަކެވެ. ޢާއިލީ ގުޅުމުގައި ރެނދުލުމެވެ. އިޖްތިމާޢީ ބަލިމަޑުކަމެވެ.
ނެތިމޮށުމަކީ ނެތިނުބައި ކިޔުމެވެ. އެއީ ތިމާގެ މުސްލިމް އަޚާ ނެތް ތަނެއްގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ. އެއީ ޙަޤީޤަތެއްކަމުގައި ވިޔަސްމެއެވެ. އެކަން ބަޔާންކުރައްވައި މި އުންމަތަށް ކައުކުރެއްވި މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “أَتَدْرُونَ ما الغِيبَةُ؟ قالوا: اللَّهُ ورَسولُهُ أعْلَمُ، قالَ: ذِكْرُكَ أخاكَ بما يَكْرَهُ. قيلَ: أفَرَأَيْتَ إنْ كانَ في أخِي ما أقُولُ؟ قالَ: إنْ كانَ فيه ما تَقُولُ فَقَدِ اغْتَبْتَهُ، وإنْ لَمْ يَكُنْ فيه فقَدْ بَهَتَّهُ.” މާނައީ: (“ޣީބަ އެއީ ކޮން އެއްޗެއްކަން ތިޔަބޭކަލުންނަށް އެނގިލައްވާތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ. “ތިޔަކަމުގެ ޢިލްމުވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ކިބައިގައެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާގެ އަޚާ ނުރުހޭ ވާހަކަ (އޭނާއަށް ނިސްބަތްކޮށް) ދެއްކުމެވެ.”
އެބޭލަކުން ދެންނެވިއެވެ. “ތިމަންމެން ބަޔާންކުރާ ކަންކަން އެ މީހެއްގެ ކިބައިގައި ހުރިއްޔާ ވާނީ ކިހިނެތްތޯއެވެ؟” ހަދީޘްކުރެއްވިއެވެ. “މީހެއްގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަ ދެއްކުން އެއީ އޭނާއާ މެދު ޣީބަ ބުނުމެވެ. އަދި އޭނާގެ ކިބައިގައި ނެތް ވާހަކައެއް ބުނެފިއްޔާ ހަމަކަށަވަރުން އެ މީހަކު އޭނާގެ އަޚާގެ މައްޗަށް ދޮގެއް ހަދައިފިއެވެ.”
ތިމާގެ އަޚާޔާ މެދު އެނގުމެއްނުވާ ކަންކަން އެނގޭ ކަމަށް ހަދައިގެން ޙަޤީޤަތާ ޚިލާފު ބުހުތާނުގެ ތެރެއަށް އޭނާ އެއްލައިނުލާށެވެ. އިންސާނުންގެ މެދުގައި މަޞްލަޙަތު ފުށުއަރާ ޢަމަލުތަކަކީ އެ ކަންކަމާ ދުރުވެ ތިބެންޖެހޭ ކަންކަމެވެ. އިޖްތިމާޢީ ދުޅަހެޔޮކަމާއި އިންސާނީ އަމާންކަން ދެމިއޮންނާނީ އޭރުންނެވެ.
ނެތިމޮށުމުގެ ކުރީކޮޅުގައި ކިތަންމެ ފޯރިއެއް މަޖަލެއް ހުއްޓަސް އޭގެ ފަހުކޮޅުގައި ދެފަރާތުންމެ ތަޙައްމަލު ކުރަނީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. އިހު ބައްދަލުވެ ވާހަކަ ދައްކާ އުޅުނު ފަދައިން ނޫޅެވެއެވެ. އަގައިން ނުބުނެވެއެވެ. ހެޔޮކަމެއްގައި ވެސް އެއްބައި ނުވެވެއެވެ. އެކުއުޅެން ކިތަންމެ ބޭނުންވިޔަސް އެކަމަށް ހިތްވަރެއް ނުލިބެއެވެ. ވިސްނުމުގެ ބިތްދޮށްފަރާތުން ހުޅުވެނީ މާޒީގެ ޞަފުޙާތަކެވެ. ހިތުގެ ހިމަނާރުތަކުން އޮހެނީ އަނިޔާގެ ލެޔެވެ. އަނބުރާ އިޢާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންދޭ މިފަދަ ނުރައްކާތެރި ނުރަނގަޅު އާދަތަކާ ދުރުހެލިވަމާތޯއެވެ!
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ أَفْضَل