​މިސީޒަންގައި ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކުރި ފުރަތަމަ ޓީމަކަށް އާރުބީ ލައިޕްޒިގް

ކުޅިވަރު ފަހުގެ

ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް މިސީޒަންގައި ބަލިކުރި ފުރަތަމަ ޓީމަކަށް ޖަރުމަނުގެ އާރުބީ ލައިޕްޒިގް ވެއްޖެއެވެ.

ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް އާރުބީ ލައިޕްޒިގުން ނިމުން ގެނައީ އެމީހުންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 3-2 ން ކާމިޔާބުކޮށްގެންނެވެ. މިމޮޅާއެކު އާރުބީ ލައިޕްޒިގުން ވަނީ ފަހު މެޗަށް ދާއިރު ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފައެވެ. އާރުބީ ލައިޕްޒިގުން ވަނީ 13 ވަނަ މިނެޓުގައި ރެއާލްގެ ގޯލް ހުޅުވާލާ، ފަސް މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. 13 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖެހީ ކޮރޭޝިޔާ ޑިފެންޑަރ ޖޮސްކޯ ވާޑިއޮލްއެވެ. 18 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ ފްރާންސް ފޯވާޑް ކްރިސްޓޮފާ އެންކުންކޫއެވެ. އެކަމަކު ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ލަނޑެއް ޖަހާ ވިނީޝިއުސް ޖޫނިއަރ ރެއާލްއަށް އުއްމީދެއް ހޯދައިދިނެވެ. ނަމަވެސް ދެވަނަ ހާފްގައިވެސް ފުރަތަމަ ލަނޑު ޖަހާ އަލުން ލީޑް ފުޅާކުރީ އާރުބީ ލައިޕްޒިގުންނެވެ. އެޓީމްގެ ތިންވަނަ ލަނޑު ޖެހީ ޗެލްސީ ދޫކޮށް، އެނބުރި ލައިޕްޒިގަށް ބަދަލުވި ޓިމޯ ވާނާއެވެ. ރެއާލްގެ ދެވަނަ ލަނޑު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ރޮޑްރީގޯއެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުން ބަލިވިޔަސް ރެއާލް މެޑްރިޑް އޮތީ ދެވަނަ ބުރު ޔަޤީންކޮށްފައެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށްދާނެ ޓީމެއް ޔަޤީންވާނީ ނޮވެންބަރު ދެވަނަ ދުވަހު އާރުބީ ލައިޕްޒިގް އާއި ޝަހުތަރު ޑޮނެސްކް ވާދަކުރާ މެޗުންނެވެ. މިވަގުތު ތިން ޕޮއިންޓްގެ ލީޑަކާއެކު ދެވަނާގައި އޮތީ އާރުބީ ލައިޕްޒިގްއެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ