ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ސަލްޒްބާގް ބަލިކޮށް ޗެލްސީން ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ސަލްޒްބާގްގެ ދަނޑުގައި ޗެލްސީން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. ޗެލްސީން ދެ ވަނަ ބުރަށް ދަތުރުކުރީ މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. އެއީ މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުގެ މަޓެއޯ ކޮވަސިޗް ޖެހި ލަނޑުންނެވެ. އެއީ ސަލްޒްބާގްގެ ގޯލު ކުރި މަތިން ލިބުނު ބޯޅައެއް މަތީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޗެލްސީން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކުންނެވެ.
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ސަލްޒްބާގުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ވޮބާ ނަގައިދިން ބޯޅައެއް ޗެލްސީގެ އޭރިޔާ ތެރެއިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޖޫނިއާ އަޑަމޫ ޖެހި ލަނޑެކެވެ. މެޗުން ޗެލްސީ މޮޅުވި ލަނޑު ޖެހީ 64 ވަނަ މިނެޓުގައި ކައި ހަވާޓްޒްއެވެ. އޭނާ އެ ލަނޑު ޖެހީ ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުން މޮޅުވެ ޗެލްސީ ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދާނެ ދެ ވަނަ ޓީމެއް ޔަގީން ވަނީ ފަހު މެޗުތަކުންނެވެ. ފަހު މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ބޮޑީ އޭސީ މިލާނަށެވެ.