ދަރަނި ދިނުމުގެ ޝަރުޢީ މިންގަނޑު

ފަހުގެ ދީން

އިސްލާމީ އިޤްތިޞާދުގެ އެންމެ ޚާއްޞަ އެއް ސިފަޔަކީ ކޮންމެ މުޢާމަލާތެއްގައި ވެސް ހިމެނޭ ދެ ފަރާތުގެ މަޞްލަޙަތު ހިމާޔަތް ކުރާ ނިޒާމެއް ކަމުގައި އިސްލާމީ އިޤްތިޞާދުވުމެވެ. މި ގޮތުން ދަރަނި ނެގުމުގެ އަދަބުތައް ބަޔާންވެފައިވާ ބީދައިން ދަރަނި ދިނުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް އިސްލާމީ އިޤްތިޞާދީ ނިޒާމުގައި ބަޔާންވެފައިވެއެވެ.

މީހަކަށް ދަރަނި ދޭއިރު ﷲ ގެ ވަޖުހުފުޅު އަދައިގެން ދަރަނި ދިނުން އައުލާވެގެންވެއެވެ. ހީލަތާއި ޤަސްދުގައި ފަސްކުރުން ނުފެންނަހާ ހިނދަކު ދަރަނި ނެގި ފަރާތްތަކަށް މުހުލަތު ދިނުން ވެސް އެދެވިގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ދަރަނިވެރިވެގެން ދަތިވެފައިވާ މީހަކަށް ދަރަނި އަދާކުރުމުގެ މުއްދަތު ފަސްކޮށްދިން މީހާ ދަންނައެވެ. އެ ކަން ވާހުށީ އޭނާ ފަސްކޮށްދިން ކޮންމެ ދުވަހަކަށް ޓަކައި އޮތް ޞަދަޤާތެއް ފަދައިންނެވެ. (އެބަހީ އެފަދަ އަޖުރެއް އޭނާއަށް ލިބޭނެތެވެ.)” (صححه الألباني)

އިޝްތިހާރު
އިޝްތިހާރު

ހަމަ އެހެންމެ، ދަރަނި މަޢާފްކޮށްދިނުމަކީ ވެސް ހެޔޮކަން އިތުރު ޢަމަލެކެވެ. އެއީ ދީލަތިކަމުގެ މަތީ ހަރުފަތެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނަށް ދަރަނި ދިން މީހަކު އުޅުނެވެ. އޭނާގެ ޚާދިމުންގެ ގާތު އޭނާ ބުނެއެވެ. ދަތިވެފައިވާ މީހަކާ ބައްދަލުވެއްޖެއްޔާ އެ މީހަކަށް ދަރަނި މަޢާފުކޮށްދޭށެވެ. އޭރުން الله تعالى އަހަރެމެންނަށް ވެސް ޢަފޫކުރައްވައިފާނެއެވެ. ފަހެ އޭނާ الله تعالى އާ ބައްދަލުވުމުން އެ އިލާހު އޭނާއަށް މަޢާފްކުރެއްވިއެވެ.” (صحيح الجامع)

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “..وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ..” (رواه مسلم) މާނައީ: “އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހާ ދަންނައެވެ. ﷲ އެ މީހަކަށް ދުނިޔެމަތީގައްޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެތެވެ.”

ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ބާވައިލައްވައިފައިވަނީ ދަރަންޏާ ގުޅޭ ގޮތުންނެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހު ކޮޅުގައިވާ ދަރަނީގެ އާޔަތެވެ. ދަރަނީގެ އާޔަތުގައި الله تعالى އަމުރުކުރައްވައިފައިވާ ފަދައިން އެ ދަރަނި ލިޔެ އެ ކަމުގެ މައްޗަށް ހެކިވެރީން ހެކިކުރުމަށް ދަރަނި ނަގާ މީހާއާއި ދަރަނިދޭ މީހާ ރައްކާތެރިވާންވާނެއެވެ. ވީމާ ދަރަނި ލިޔާން ފަސްނުޖެހޭށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސްމެއެވެ. އެއީ ﷲ ގެ ޙަޟްރަތުގައި އެންމެ ޢަދުލުވެރި ގޮތެވެ.

ދަރަނި ދިނުމުގައި ރިބާއިން ދުރުހެލިވާށެވެ. ރިބާގައި އެއްވެސް ބަރަކާތެއް ނުވެއެވެ. ރިބާ ކާ މީހުން ޤިޔާމަތްދުވަހު ތެދުވާނެ ގޮތް ސިފަކުރައްވަމުން ބަޤަރާ ސޫރަތުގެ 275ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ މާނައީ: “ރިބާކާމީހުން ދަންނައެވެ. ފަހެ ޝައިތާނާ އަވަލުމުގެ ސަބަބުން މޮޔަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ ޤިޔާމަތްދުވަހު އެބައިމީހުން ނުތެދުވާނެއެވެ.”

ވީމާ ދަރަނި ދިނުމުގައި މި ދެންނެވި ގޮތަށް ޢަމަލުކުރުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ. އަދި ދަރަނިވެރިންނަށް އޯގާތެރި ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ!

ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ ماؤون شَرِيْف

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ