މަޝްހޫރު ޙަދީޘެއްގެ މާނައިގައިވެއެވެ. “ފަސް ކަމެއް އައިސް ލައިގަތުމުގެ ކުރިން ފަސް ކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅި ވުމުގެ ކުރިން ޒުވާންކަމެވެ. ބަލިވުމުގެ ކުރިން ޞިއްޙަތެވެ. ފަޤީރު ވުމުގެ ކުރިން މުއްސަނދިކަމެވެ. މަޝްޣޫލު ވުމުގެ ކުރިން ހުސް ވަގުތެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތެވެ.” (أخرجه الحاكم (7846)، والبيهقي في ((شعب الإيمان)) (10248))
މި ޙަދީޘުގައި މި ވަނީ އެތައް ބިލިއަން ޑޮލަރަކުން ވެސް އަގު ނުކުރެވޭ ހާ އަގުހުރި ނަސޭހަތްތަކެކެވެ. އިންސާނާގެ ޙަޔާތް ރަނގަޅަށް ހޭދަ ކުރުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ފިލާވަޅުތަކެކެވެ. ދެ ދުނިޔެ ބާއްޖަވެރި ކުރުމަށް އެދޭ މީހާއަށްވާ ދުނިޔަވީ އަދި އުޚްރަވީ ޤާޢިދާތަކެކެވެ. އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّم ފުރަތަމަ ވެސް ނަސޭހަތް ދެއްވަނީ ޒުވާންކަމާ ގުޅޭ ގޮތުންނެވެ. އާދެ ކީއްވެތޯއެވެ؟ އިންސާނާގެ ޙަޔާތުގެ މަރުޙަލާތަކުގެ ތެރެއިން ޒުވާންކަމުގެ ދުވަސްވަރަކީ އުފެއްދުންތެރިކަން އެންމެ ބޮޑު ދުވަސްތަކެވެ. މާނައަކީ، މި ދުވަސްތަކުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހިފައިފިއްޔާ ތިމާ މަރުވެގެން ދާހިނދު އެ ކަންކަމާ ތިމާ ފަޚުރުވެރި ވާނެ އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަން ޒުވާން ދުވަސްވަރުގައި ލިބިގެންވެއެވެ. އެހެންކަމުން ޒުވާން ދުވަސްވަރު ވީހާ ވެސް ބޮޑަށް އަޅުކަމުގައްޔާއި އުންމަތަށް ފައިދާހުރި ރަނގަޅު ކަންކަމުގައި ހޭދަ ކުރާން މަސައްކަތް ކުރާށެވެ.
ފުރިހަމަ ޞިއްޙަތުގެ ނިޢުމަތަކީ ﷲ އިންސާނަކަށް ދެއްވާނޭ އެންމެ އަގުހުރި އެއް ނިޢުމަތެވެ. މި ކަން އެންމެ ރަނގަޅަށް އެނގޭނީ ގިނަ ދުވަސްތަކެއް ވަންދެން ބަލި ހާލުގައި އުޅެން ޖެހިފައިވާ މީހަކަށެވެ. ތިބާއަކީ ޒުވާނަކަށް ވެފައި، ތިބާގެ ޞިއްޙަތަކީ އާދައިގެއަށްވުރެ ފުރިހަމަ ރަނގަޅު ޞިއްޙަތެއް ކަމުގައި ވެއްޖެއްޔާ، އާޚިރަތަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވޭތޯ ބަލާށެވެ.
ހުސް ވަގުތާ ބެހޭ ގޮތުން ބުނަމެވެ. މީހުންނާ އިނދެ، ދަރިންލިބި ގޭތެރޭގެ މަސްއޫލިއްޔަތުތައް އަދާކުރަމުން އަދި ވަޒީފާގެ ބުރަތައް އުފުލަމުން، ދަރީންގެ ތަރުބިއްޔަތުގެ ކަންކަމުގައި ވަގުތުހޭދަ ކުރަމުން އަދި މި ނޫން ވެސް އެތައް ކަމެއްގެ ޒިންމާ އަދާކުރަން ޖެހުމުގެ ސަބަބުން، ދުވާލަކަށް ސައުވީސް ގަޑިއިރު މަދުވެފައި ތިބޭ މީހުންނާ ސުވާލުކުރާށެވެ. ހުސްވަގުތަކީ ކިހާ އަގުބޮޑު އެއްޗެއްކަން އެބައިމީހުންނަށް އެނގޭނެއެވެ. ހުސް ވަގުތު ގިނަވެފައި ތިބި ދުވަސްތަކުގައި ފައިދާ ކުރަނިވި ކަންތައްތަކެއް ކުރެވުނު ނަމައޭ އެފަދަ މީހުން ވެސް ހިތަށް އަރާނޭ ކަން ކަށަވަރެވެ.
މުދަލުން ހޭދަކުރުމަކީ ﷲ އެ މީހަކަށް މުދަލުގެ ނިޢުމަތް ދެއްވި މީހަކަށް ކުރެވިދާނެ އެންމެ ހެޔޮ އެއް ޢަމަލެވެ. މުދާ ލިބިފައިވާ ފަރާތްތަކުން، ޙާޖަތްތަކަށް ޖެހިފައިވާ މީހުންގެ ޙާޖަތްތައް ފުއްދައިދެވޭތޯ ބަލާށެވެ. ދަރަނިވެރީންގެ ދަރަނި އަދާކޮށްދޭށެވެ. ﷲ ގެ ދީނަށް ގޮވައިލައި އިސްލާމީ ދަޢުވަތުދޭ މީހުންނާއި ޖަމްޢިއްޔާތަކަށް އެހީވާށެވެ. މަތީގައި މި ދެންނެވުނީ މުޅިން ވެސް ތިބާގެ ފުރާނަ ހުރި ހިނދު ކުރެވިދާނެ ކަންތައްތަކުގެ ވާހަކައެވެ. އުމުރަކީ ވަރަށް ކުޑަ އެއްޗެކެވެ. މި ކުޑަ ދުވަސްކޮޅުގައި ފައިދާ ކުރަނިވި ގިނަ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތްކުރަން ވާނެއެވެ. ބުއްދިވެރިއަކީ މަރުވުމަށް ފަހު ވެސް ޘަވާބު ލިބޭނެ ކަންތައްތަކެއް ދޫކޮށްފައި ދާ މީހާއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައިވާ ފަދައިން އެ ކަންތައްތަކަކީ: ފައިދާ ކުރަނިވި ޢިލްމަކާއި، ދެމިގެންދާ ޞަދަޤާތަކާއި، މަރުވުމުން ތިބާއަށް ދުޢާ ކޮށްދޭނޭ ޞާލިޙު ދަރިއެކެވެ.
އަޅުގަނޑުމެން އެންމެންނަކީ މަތީގައި ޒިކުރު ކުރެވުނު ޙަދީޘަށް ފުރިހަމައަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށިއެވެ. އެ ކަންކަމުގެ މައްޗަށް އެހެން މީހުންނަށް ވަޟިއްޔަތް ކުރުމުގެ ތައުފީޤު ﷲ تعالى އަޅަމެންނަށް ދެއްވުމެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخُ مُطِيْعُ إِسْمَاعِيْلُ مُحَمَّدُ