“މުންކަރާތްތައް ފެނުމުން ތިބާގެ ޢަޤީދާ ތިޔަ ގުޑަނީ ހާދަ އަވަހަކަށެވެ.” މިއީ ބައެއް މީހުން ބުނެ އުޅޭ ބަހެކެވެ. ޚާއްޞަކޮށް ބަޔަކު މުންކަރާތެއް މަނާކުރާން އުޅެފިއްޔާއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުގައި ފަތުރުވެރީން ނިވާކަންކުޑަ ގޮތްގޮތަށް އުޅޭއުޅުމާ ދެކޮޅަށް ބަޔަކު އަޑުއުފުލައިފިއްޔާ މި ބަސް އަޑު އިވޭލެއް ގިނައެވެ. ބުނެއެވެ. “ތިބާގެ ގޭގެ ސިޓިންރޫމުގައި ހުންނަ ޓީވީން ވެސް ފެންނަނީ އެ މަންޒަރު ނޫން ހެއްޔެވެ. މުޅި ޤައުމުގެ އެންމެން އެފަދަ މަންޒަރުތައް ޓީވީން ބަލާ ނޫން ހެއްޔެވެ. ވުމާ އެކު، ރަށުގެ ގޮނޑުދޮށުގައި ފަތުރުވެރިޔަކު އުފާކޮށްލާން އެ ގޮތަށް އޮރިޔާން ހާލުގައި އޮތުމަކީ މައްސަލައެއް ހެއްޔެވެ. އެއީ ތިބާގެ ޢަޤީދާ ގުޑާންވީ ކަމެއް ނޫނެއް ނޫން ހެއްޔެވެ.”
ހަމަ މީގެ އެހެން މިސާލެކެވެ. ދީނަށް ފުރައްސާރަކުރާ މީހުންނަށް ޙައްޤު އަދަބު ދޭން ގޮވައިލުމުން ބައެއް މީހުން ބުނެއެވެ. އެ މީހުން ކިޔާ އެއްޗަކުން ތިބާގެ ޢަޤީދާއަށް އަސަރުކުރުމަކީ ތިބާގެ ޢަޤީދާގެ ބަލިކަށިކަން ނޫން ހެއްޔެވެ. އަހުރެމެންގެ ޢަޤީދާއަކަށް އަސަރެއް ނުކުރެއެވެ. އަހުރެމެން މި ތިބީ އިސްލާމްދީނުގައެވެ. މީހަކު ކިޔާހާ އެއްޗަކުން އަހުރެމެންގެ ޢަޤީދާއަށް ބުރޫއެއް ނާރާނެއެވެ. ތިބާގެ ޢަޤީދާ ތިހައި ބަލިކަށިވުމަކީ އެއީ ތިބާގެ ކުށެވެ. ތިބާގެ ދީނާ މެދު ތިބާއަށް އިތުބާރު ނެތީ ނޫން ހެއްޔެވެ.
އެހެން މިސާލެކެވެ. ރާއްޖޭގެ ރިޒޯޓުތަކުގައި ރާއާއި އޫރު މަސް ވިއްކާތީ، އެއީ ކެސީނޯ ވެސް މި ޤައުމުގައި އަޅާން ޖެހޭ ވަރުގެ ކަމެއް ކަމަށް ބައެއް މީހުން ވަކާލާތުކުރެއެވެ. އެބައިމީހުންގެ އެ ވާހަކަތަކާ ބަޔަކު ދެކޮޅު ހަދައިފިއްޔާ، “ކަލޭމެންގެ ޢަޤީދާ ހާދަ ބަލިކަށްޓޭ، މި ޤައުމުގައި ރާ ވެސް ވިއްކައޭ، ކެސީނޯ އެޅުންހޭ ކަލޭމެންނަށް ގޯހީ، ކަލޭމެން ހާދަ މުނާފިޤޭ” ބުނެ މަލާމާތާއި އާޑަފުރައްސާރަކުރެއެވެ.
މިއީ މިއަދު މި ޤައުމުގެ ބައެއް އަފްރާދުންގެ ހާލަތެވެ. މުންކަރާތްތައް މަނާކުރުމަކީ ޢަޤީދާ ބަލަކަށިވުމުގެ ޢަލާމާތަކަށް ހަދައިފިއެވެ. މުންކަރާތް މަނާކުރާ މީހުންނާއި، މުންކަރާތްތަކަށް މުޖުތަމަޢުގައި ޖާގަނުދިނުމަށް ގޮވައިލާ އީމާނުގެ އަހުލުވެރީންނަކީ ޢަޤީދާ ބަލިކަށި މީހުންގެ ގޮތުގައި ސިފަކުރާން ފަށައިފިއެވެ. މިއީ އިސްލާމްދީނުގައިވާ އަސާސުތަކާއި މަތިވެރި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. މި އުންމަތަކީ އެންމެ ހެޔޮ އުންމަތްކަމުގެ އިޢުލާނު ކީރިތި ޤުރުއާނުގައި މާތް ﷲ ކުރެއްވީ، މި އުންމަތަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ އުންމަތެއްކަމުގެ ސިފަ ލިބިގެންވާތީއެވެ. އެ އުންމަތެއްގައި ނުވަތަ އެ ރަށެއްގައި މުންކަރާތް ފައުޅުވެ އެ ކަން މަނާ ނުކުރާކަމަށް ވެއްޖެއްޔާ އިލާހީ ކޯފާއާއި ޢުޤޫބާތް އެ އެންމެންގެ މައްޗަށް ޙައްޤުވެއްޖެ ކަމަށް ވެސް ޙަދީޘްފުޅުތަކުންނާއި ޢިލްމުވެރީންގެ ބަސްފުޅުތަކުން ހަމާވެގެންދެއެވެ. މުންކަރާތް މަނާކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމުގައި ވެސް ވާރިދުވެފައިވެއެވެ. އީމާންކަން ގުޅިފައި ވަނީ އެ ކަމާ ކަމުގައި ވެސް ވާރިދުވެފައިވެއެވެ. އޭގައި ތަފާތު ދަރަޖަތަކެއް ވާ ކަން ވެސް ވާރިދުވެފައިވެއެވެ.
ވުމާ އެކު، މުންކަރާތް މަނާކުރުމަކީ އެ ބައެއްގެ ޢަޤީދާ ބަލިކަށިވާތީ ކުރާ ކަމެއް ނޫނެވެ. ނޫނީ ޢަޤީދާގައި ރެނދު ލާފައިވުމުން ކުރާ ކަމެއް ނޫނެވެ. އެއީ މުސްލިމުންގެ އެންމެ އަސާސީ އެއް ސިފަކަމުގައި ވާތީ ކުރާކަމެކެވެ. ދުޢާއަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢު ހުރިހައި މުންކަރާތްތަކުން ދުރުކުރައްވައި، އަޅުގަނޑުމެން އެންމެންނަށް ވެސް ހެޔޮ ވިސްނުން ދެއްވުމެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ شَفِيْعُ عَبْدُ الله مُحَمَّدُ