ޝަރުޢީ މުޞްތަލަޙުގައި ނިފާޤަކީ މުސްލިމެއް ކަމަށް ބޭރުފުށުން ދައްކައި، ތިމާގެ ކުފުރު އެތެރެފުށުގައި ފޮރުވައިގެން އުޅުމެވެ. ތިމާގެ ހިތުގައި ޝަރުޢީކަންކަމަށް ނަފުރަތު ބާއްވައި، އެ ކަންކަމަށް ނުރުހި އެކަންކަން ޤަބޫލުނުކޮށް، އެހެނަސް ބޭރުފުށުން މާތް الله އާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، ރަސޫލުންނާއި، އާޚިރަތް ދުވަހަށް އީމާންވާކަމަށް ހެދިގެން އުޅޭ މީހާއަކީ ޚާލިޞް މުނާފިޤެއްކަމާ މެދަކު ޝައްކެއް ނެތެވެ.
މިފަދަ މުނާފިޤުންގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا﴾ (النساء: ١٤٥) މާނައީ: “ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.”
މި ދެންނެވުނީ އިޢުތިޤާދީ ނިފާޤުގެ ވާހަކައެވެ. އިޢުތިޤާދީ ނިފާޤަކީ މީހާ މިއްލަތުން ބޭރުވެ ކުފުރަށް ވައްޓައިލާ ބޮޑު ނިފާޤެވެ. ޢަމަލީ ނިފާޤަކީ މުއުމިނަކަށްވެ ހުރެ މުނާފިޤުންގެ ބައެއް ސިފަތައް އެ މީހެއްގެ ޢަމަލުން ފާޅުވާން ހުރުމެވެ. އިޢުތިޤާދީ ނިފާޤަށް ރައްކައުތެރިވާ ފަދައިން ޢަމަލީ ނިފާޤަކީ ވެސް އަޅުގަނޑުމެން އިންތިހާއަށް ރައްކައުތެރިވާން ޖެހޭ ކަމެކެވެ. އެހެނީ، އެ މީހަކު ދީނުން ބޭރު ނުވިކަމުގައި ވިޔަސް، އޭނާއަކީ މާތް ﷲ ގެ އަޒާބަށް ހުރަހޮޅިދާނޭ މީހެކެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް ނިފާޤުކަމުގެ ސިފަ ނުވަތަ މުނާފިޤުންގެ ބައެއް ޢަމަލުތައް ކުރެވޭ މީހުން މަދެއް ނޫނެވެ. އެގޮތުން، ހެޔޮ ޢަމަލެއް ކުރާއިރު އެ ކަމުގައި އިޚްލާޞްތެރިކަން ނެތުމާއި، މުނާފިޤުންގެ ބައެއް ސިފަތައް ކަމުގައިވާ ދޮގުހެދުމާއި، މަކަރުހެދުމާއި، ވަޢުދާ ޚިލާފުވުމާއި، އަދި އެކަހެރިވާހިނދު ފާފަތަކަށް އަރައިގަތުމާއި، މީހުންގެ ލޯމަތިން އެކަހެރިވެ ހުރިއްޔާ ފަރުވާކުޑަކޮށް އަޅުކަން ކުރުން ފަދަ ކަންކަމަކީ ނިފާޤުގެ ޢަލާމާތެކެވެ. އިމާމު ބުޚާރީ ރިވާކުރައްވައިފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. “މި ހަތަރު ސިފަތަކުގެ ތެރެއިން ހުރިހާ ސިފައެއް ހުންނަ މީހަކީ ޚާލިޞް (ސީދާ) މުނާފިޤެކެވެ. އަދި އެ ސިފައަކުން ދުރުހެލި ވެއްޖައުމަށް ދާންދެން މީގެން ސިފައެއް ހުރެއްޖެއްޔާ، އޭނާގެ ގައިގާ މުނާފިޤުކަމުގެ ސިފަ އެބަހުއްޓެވެ. (އެ ހަތަރު ސިފައަކީ) އަމާނާތެއް ހަވާލުކުރެވިއްޖެއްޔާ ޚިޔާނާތްތެރިވުމެވެ. ވާހަކަ ދައްކައިފިއްޔާ ދޮގު ހެދުމެވެ. އަދި ވަޢުދެއްވެއްޖެއްޔާ އެއާ ޚިލާފުވުމެވެ. އަދި ދެބަސްވެއްޖެއްޔާ ހުތުރު ބަސްތައް ބޭނުންކުރުމެވެ.”
މިފަދަ ހުރިހާ ސިފަތަކުން މުސްލިމުން ދުރުހެލިވާން ޖެހެއެވެ. މުސްލިމެއްގެ ކިބައިން މިފަދަ ސިފައެއް ފެންނަންޏާ އޭނާއަކީ ވެސް ނިފާޤުކަމުގެ ބައެއް ސިފަތައް ހުރި މީހެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އަދި މިފަދަ ސިފަތަކުގެ ސަބަބުން ކުފުރަށް ނުވަތަ ނިފާޤުކަމަށް ނުވަތަ ޝިރުކަށް އެ މީހަކު ހުރަހޮޅިދާނޭ ކަމުގެ ބިރު އެބައޮތެވެ. މި ނުރައްކާތެރި ސިފަތަކުން ސަލާމަތްވާން އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކާ މެދު ފާރަވެރިވާން ޖެހެއެވެ. އަދި މުޖުތަމަޢުން ފެންނަމުންދާ މިފަދަ ނިފާޤުކަމުގެ ސިފަތައް ނައްތައިލުމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد