ސޫރަތު ޔޫސުފްގައި ޔަޢުޤޫބު عليه السلامގެ ދަރިދަރިކަލުންގެ މެދުގައި އުފެދުނު ހަސަދަވެރިކަމަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “އެ އަޚުންތައް، ބުނި ހިނދު، ހަނދުމަ ކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއްކަމުގައިވީ ހިނދު ވެސް، ޔޫސުފާއި އޭނާގެ އަޚް (ބިންޔާމީން) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާ ބޮޑެވެ. ހަމަ ކަށަވަރުން، ތިމަންމެންގެ ބައްޕާ ވަނީ، ފާޅުވެގެންވާ މަގު އޮޅުމެއްގައެވެ. ތިޔަބައިމީހުން ޔޫސުފް ޤަތުލުކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށް ފަހު ތިޔަބައިމީހުން (ތައުބާވެ) ޞާލިޙު ރަނގަޅު ބައެއް ކަމުގައި ވާނީއެވެ.” (يوسف: 8 – 9)
ބައެއް ކިޔުންތެރީންގެ ހިތްތަކުގައި ސުވާލު އުފެދިދާނެއެވެ. ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބޭފުޅުންގެ މެދުގައި ތަފާތުކުރެއްވިއެވެ. އެކަމުގެ ސަބަބުން އެ ކުދީންގެ ހިތުގައި ޔޫސުފުގެފާނާ މެދު ހަސަދަވެރިކަން އުފެދުނީއެވެ. ނަމަވެސް ޙަޤީޤަތަކީ، ޔަޢުޤޫބުގެފާނަކީ މަތިވެރި ނަބިއްޔެއްކަމެވެ. އެފަދަ ކަމެއް އެކަލޭގެފާނުގެ ފަރާތްޕުޅަކުން ނުފެންނާނެއެވެ. އެއާ ޚިލާފަށް، އެކަލޭގެފާނު ވަނީ، އެކަލޭގެފާނުގެ ބޭފުޅުންގެ މެދުގައި ޢަދުލުން ކަންތައް ކުރައްވައިފައެވެ. ހުރިހާ ބޭފުޅުންނާ މެދުގައި ވެސް އޯގާތެރިކަމާ އެކު މުޢާމަލާތު ކުރައްވައިފައެވެ. ނަމަވެސް، ލޯތްބަކީ އިންސާނީ ފިޠުރީ ކަމަކަށް ވުމުން، ލޯބިވުމުގައި އެންމެން ހަމަހަމަކުރުމީ އިންސާނަކަށް ކުޅަދާނަ ކަމަކަށް ނުވެއެވެ. ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ދެކެ އިންތިހާޔަށް ލޯބިފުޅުވިއެވެ. އެހެން ބޭފުޅުންނަށް ވުރެ ވެސް ބޮޑަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެކަލޭގެފާނުގެ ހެޔޮފުޅުކަމާއި ނިޔަނެތިކަމާއި މަޢުޞޫމުކަން، އެހެން ބޭބޭފުޅުންނަށް ވުރެ އެތައް ދަރަޖައެއް މަތިވެރިއެވެ. އެހެންކަމުން، ޔޫސުފުގެފާނުގެ ޤަދަރު، ޔަޢުޤޫބުގެފާނުގެ އެހެން ހުރިހާ ބޭފުޅުންނަށް ވުރެ މަތިވެރިއެވެ. ހަމަ އެހެންމެ، ޔޫސުފުގެފާނާއި ބިންޔާމީނަކީ އެހެން ބޭފުޅުންނަށް ވުރެ ތުއްޕުޅު ދެ ބޭފުޅުންނެވެ. އެހެންކަމުން، އެ ބޭފުޅުންނާ އެކަލޭގެފާނު މުޢާމަލާތުކުރައްވާނީ ބޮޑުފުޅު ވެފައި ތިއްބެވި ބޭފުޅުންނާ މުޢާމަލާތު ކުރައްވާ ގޮތަށް ނޫންކަމީ އޮޅުމެއް ނެތް ކަމެކެވެ.
ކަން މިހެން އޮތް ނަމަވެސް، ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ބޭފުޅުންނާ މުޢާމަލާތު ކުރެއްވުމުގައި، ޔޫސުފުގެފާނާއި އެހެން ބޭފުޅުންނާ ދެމެދުގައި ޙައްޤު ނޫން ގޮތުގައި ތަފާތެއް ނުކުރައްވައެވެ. ބައްޕައެއްގެ ޙައްޤު އަދާކުރެއްވުމުގައި، ބޭފުޅުންގެ މެދުގައި އެކަލޭގެފާނު ތަފާތެއް ނުކުރައްވައެވެ. ހުރިހާ ބޭފުޅުންނާ މެދުގައި ވެސް ޢަދުލުވެރިކަމާ އެކު ކަންތައް ކުރެއްވިއެވެ. އެހެންކަމުން، އެކަލޭގެފާނުގެ ބޭފުޅުން އެކަލޭގެފާނާ މެދު ކުރި ޝަކުވާއަކީ، ހަމަ ކަށަވަރުން، ނޭއްގާނީ ޝަކުވާއެކެވެ. ބައްޕާފުޅުގެ ޙައްޤުގައި އެ ބޭފުޅުންނަށް ވެވަޑައިގެންނެވުނު އަނިޔާއެއް މެއެވެ.
ޝައްކެއްނެތެވެ. ދަރީންގެ މެދުގައި ޢަދުލުވެރިކޮށް ކަންތައް ކުރުމަކީ ގިނަ ދަރީންތަކެއް ތަރުބިއްޔަތުކުރުމުގައި ބަލަން ޖެހޭ، އެއް އަސާސެވެ. ލޯތްބަކީ ހިތުގައި އުފެދޭ އިޙްސާސަކަށް ވުމުން، އެކި ދަރީން ދެކެ ލޯބިވާ މިންވަރު ތަފާތު ވެދާނެއެވެ. ނަމަވެސް ލޯބި ދިނުމުގައްޔާއި، އަޅައިލުމުގައްޔާއި، ޙައްޤުތައް އަދާކުރުމުގައި، ދަރީންގެ މެދުގައި ތަފާތު ކޮށްގެން ނުވާނެއެވެ. އަދި ވަކި ކުއްޖަކު ދެކެ މާ ބޮޑަށް ލޯބިވާކަން އެ ކުއްޖާއަށާއި އެހެން ކުދީންނަށް ދައްކައި، އެކަން އަންގައި ހެދުމަކީ އަނިޔާއެކެވެ. އެއީ ނަބިއްޔުންނާއި ރަސޫލުންގެ ސުންނަތާ ޚިލާފު، އިސްލާމްދީނުގެ ތަޢުލީމުން ބޭރުވެގެންވާ، ބޮޑު ގޯހެކެވެ. އެހެންކަމުން، ދަރީންނާ ކުރާ މުޢާމަލާތުގައި އެއްވެސް ކަހަލަ ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ. ދަރީން އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިޙުތިރާމު ކުރާ، އުޚްވަތުގެ ލޯބީގެ ޗޭނުން ބަނދެވިފައި ތިބި ކުދީންތަކެއްގެ ގޮތުގައި ބޮޑެތިވެގެން ދާނީ އޭރުންނެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ شَفِيْعُ عَبْدُ الله