ފަހު ވަގުތު ދެ ލަނޑު ޖަހާ ޓޮޓެންހަމް މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ޓޮޓެންހަމް މޮޅުވެއްޖެއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-4 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލީޑްސް ޔުނައިޓެޑުންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކްރިސެންސިއޯ ސުމަވީލްއެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެ ވަނަ ފަހަރަށް ވެސް މެޗުގައި ލީޑު ނެގީ ލީޑްސް ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ރޮޑްރީގޯއެވެ.

ދެ ވަނަ ފަހަރަށް ޓޮޓެންހަމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 51 ވަނަ މިނެޓުގައި ބެން ޑޭވިސް ޖެހި ލަނޑުންނެވެ. ހަމަހަމަކޮށް އޮވެ ދެ ޓީމު ކުޅެމުން ދަނިކޮށް މެޗުގެ 76 ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ ލަނޑެއް ޖަހައި ލީޑްސް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން ޓޮޓެންހަމް މޮޅުވީ ދެ މިނެޓުގެ ތެރޭގައި ރޮޑްރީގޯ ބެންޓަކޫރް ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ 81 ވަނަ މިނެޓުގައެވެ. މެޗުން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު އޭނާ ޖެހީ 83 ވަނަ މިނެޓުގައެވެ.

މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައެވެ. އެއީ އެ ޓީމު ކުޅުނު 15 މެޗުން 29 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް އޮތީ 14 މެޗުން 15 ޕޮއިންޓާއެކު 14 ވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ