ޖަރުމަނު ލީގުގައި ޝާލްކާ ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކުން އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޝާލްކާގެ ދަނޑުގައި ބަޔާނުން އެ ޓީމު ބަލިކުރީ 2-0 އިންނެވެ. މިއީ ލީގުގައި ބަޔާނުން ޖެހިޖެހިގެން މޮޅުވި ހަ ވަނަ މެޗެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތަކުން ސާޖް ގްނަބްރީއެވެ. ބަޔާންގެ އަނެއް ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ފުޅާކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެމަރޫންގެ ޗުޕޯ މޯޓިންއެވެ. މި ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ ޒުވާން ކުޅުންތެރިޔާ މުސިއާލާއެވެ. މިއީ ޖަރުމަނު ލީގުގައި ޗުޕޯ މޯޓިން ބަޔާނަށް ޖަހައިދިން ހަ ވަނަ ލަނޑެވެ. މި ސީޒަންގައި އޭނާ ވަނީ ޖުމުލަ 11 ލަނޑު މިހާތަނަށް ޖަހާފައެވެ.
މެޗުން މޮޅުވެ ބަޔާން އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކުންނެވެ. ކުޅުނު 15 މެޗުން ބަޔާނަށް 34 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ލިބެނީ 28 ޕޮއިންޓެވެ. ގިނަ ދުވަސްތަކެއް ވަންދެން ލީގުގެ އެއް ވަނަ މަގާމުގައި އޮތް ޔޫނިއަން ބާލިން އޮތީ ތިން ވަނައިގައެވެ. އެއީ 14 މެޗުން 27 ޕޮއިންޓާއެކުއެކުއެވެ.