ކިބުރުވެރިކަމަކީ ޝަރުޢީ ގޮތުން ބަލާއިރު ވަރަށް ނުބައިވެގެންވާ ސިފައެކެވެ. އެއީ އިބިލީހާއި އެނާގެ އައުވާނުންގެ ސިފައެކެވެ. މާތް ﷲ އުފެއްދި އެންމެހާ މަޚްލޫޤުންގެ ތެރެއިން ކިބުރުވެރިކަމާއި ބޮޑާކަމުގެ ސިފަ އެންމެ ފުރަތަމަ ފާޅުވީ ލަޢުނަތްލެއްވިގެންވާ އިބިލީހުގެ ކިބައިންނެވެ. އާދަމްގެފާނު ޚަލްޤުކުރައްވައި އެ ކަލޭގެފާނަށް ސަޖިދަކުރުމަށް އުޑުގެ އަހުލުވެރިންނަށް މާތް ﷲ އަމުރުކުރެއްވުމުން މަލާއިކަތުން ސަޖިދަކުރެއްވިއެވެ. އިބިލީސް އެ އަމުރަށް ނުކިޔަމަންތެރިވެ ކިބުރުވެރިވެ ސަޖިދަ ކުރުމަށް އިންކާރުކުރިއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް އަމުރުކުރެއްވި ހިނދު ސަޖިދަކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.”
ބަޔާންވެ ދިޔަ އާޔަތުން ދޭހަވަނީ އަދާމްގެފާނަށް ސަޖިދަކުރުމަށް އަމުރުކުރެވުނު ހިނދު އަމުރަށް ނުކިޔަމަންތެރިވެ ބޮޑާވީ އިބިލީސްކަމެވެ. އެހެންކަމުން، ކިބުރުވެރިކަމުގެ ނުބައި ސިފަ ހުންނަ މީހުންގެ ކިބައިގައި އެވަނީ އެ ދުވަހު އިބިލީހުގެ ކިބައިން ފާޅުވި ނުރަނގަޅު ސިފައެވެ. އެ މީހުންނަކީ އެކަލާނގެއަށް ކިޔަމަންވެ ސަޖިދަކުރެއްވި މަތިވެރި މަލާއިކަތުން ދެއްކެވި ކިމަޔަމަންތެރިކަމުގެ ސިފަ ލިބިގެންނުވާ މީހުންނެވެ.
ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. (الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ) (مسلم) މާނައީ: “ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރުކުރުމެވެ. އަދި މީސްތަކުންނަކީ ނިކަމެތި ބަޔެއް ކަމުގައި ދެކުމެވެ.” ހަމައެހެންމެ، ކަހަފް ސޫރަތުގައި ބަޔާންވެފައިވެއެވެ. ﴿وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا﴾ (الكهف: ٣٤) މާނައީ: “އަދި އޭނާއަށް (އެހެނިހެން) މުދާތައް ވެސް ވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެ ގޮތުން، ގަދަފަދަވެފައި ޢިއްޒަތް ބޮޑެވެ.” މި ގޮތަށް ތިމާގެ ރީތިކަމާއި މުދާވެރިކަމާއި މޮޅުކަން، އެހެންމީހުންނާ އަޅާކިޔައި އަނެކާ ދަށްކޮށްލުމަކީ ވެސް ކިބުރުވެރިކަމެވެ. މިއީ އަޅުގަނޑުމެން އެ ސިފައަކުން ރައްކާތެރިވެ ތިބެންޖެހޭ ސިފައެކެވެ. ހަދީޘެއްގައިވެއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް الله تعالى ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެ އިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.” (رواه مسلم)
ވީމާ، ހަނދާނުގައި ބަހައްޓަންވީ މި އާޔަތެވެ. “ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.” (ލުޤްމާން: 18) މާތް ﷲ ލޯބިވެވޮޑިނުގަންނަވާ މީހަކަށްވާން ތިބާ އެދެން ހެއްޔެވެ؟ އަދި އަޅުގަނޑުމެން މިއީ މަނިތިއްކަކުން އުފެދި މި ދުނިޔެއަށް އައި ބައެކެވެ. އަދި އާޚިރުގައި ކުނިވެ މުޅަމަސްގަނޑަކަށް ވެގެންދާނެ ބައެއްކަން ވެސް ދަންނާށެވެ. ކިބުރުވެރިވެ ބޮޑާވެގަތުމަށް މި ނިކަމެތި ނަފްސުތަކަށް އޮތީ ކޮން ޙައްޤެއްތޯއެވެ؟ މާތް ﷲ ވަޙީކުރައްވައިފައިވައެވެ. ﴿إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ﴾ (الحجرات: ١٣) މާނައީ: “ހަމަކަށަވަރުން، اللَّهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ.” އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރަންވީ ތަޤުވާވެރިވުމަށެވެ. ދުޢާއަކީ ކިބުރުވެރިކަމާއި ބޮޑާކަމުން ރައްކާތެރިވެ މީސްތަކުންނަށް ހެޔޮ ފޯރުކޮށްދޭ ހިތް މަޑުމޮޅި ބަޔަކުކަމުގައި މި ދިވެހި މުޖުތަމަޢު ލެއްވުމެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد