މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ (البقرة: ١٧٣) މާނައީ: “ތިޔަބައިމީހުންނަށް އެކަލާނގެ ޙަރާމްކުރައްވައިފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، މަޖުބޫރުވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެ މީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.”
ދޫންޏާއި މަންމަލި ޖަނަވާރުތަކާއި އެ ނޫން ވެސް ބައެއް ދިރޭތަކެތީގެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަނާއި ފައިދާހުރި ވިޓަމިނާއި މިނަރަލާއި އެނޫންވެސް ޟަރޫރީ މާއްދާތައް ހަށިގަނޑުގެ އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ އެއްޗަކީ ލެއެވެ. ގެރިބަކަރި ފަދަ ނަޢަމްސޫފީގެ ގުނަވަންތައް ކެއުން އަޅުގަނޑުމެންނަށް ހުއްދަވެގެން ވިޔަސް އެ ތަކެތީގެ ލޭ ޙަރާމްވަނީ ކީއްވެބާއެވެ؟ ލޭ ޙަރާމްކުރެއްވުމުގެ ޙިކުމަތް ސައިންޓިފިކް ގޮތުން އެނގިހާމަވެފައިވަނީ ދާދި ފަހުންނެވެ.
ލޭގައި ފައިދާ ކުރަނިވި ގިނަ މާއްދާތަކެއް ހުރި ނަމަވެސް، ލޭގެ ތެރޭގައި ވަރަށް ގިނަ ވިހައާއި ޖަރާސީމާއި ހަށިގަނޑުން ބޭރުކޮށްލަންޖެހޭ އެތައް މާއްދާތަކެއްހުރެވެ. ކުރީގައި ދެންނެވުނު ކަންތައްތަކުގެ އިތުރުން، ޔޫރިއާއާއި ޔޫރިކް އެސިޑާއި ކެރަޓިން އަދި ކާބޮންޑައިއޮކްސައިޑް ފަދަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް ޓަކައި އެ ތަކެތި ނުކުތުމަށް ހަމަޖެހިފައިވާ ތަންތަނަށް ފޯރުކޮށްދިނުމަކީ ވެސް ލޭގެ މުހިންމު ވަޒީފާއެކެވެ.
އިންސާނަކު ލޭ ބޮއިފިއްޔާ އޭގައި ހުރި ވިހަމާއްދާތައް އެ މީހާގެ ލެޔާ އެކުވެ، އޭނާގެ ލޭގައި ހުރި ވިހަ މާއްދާތަކުގެ ނިސްބަތް އެތައް ގުނައެއް އިތުރުވެގެންދެއެވެ. ވިހަ ލޭ ސިކުނޑިއަށް ދިއުމުން މައްސަލަތަކެއް ކުރިމަތިވެއެވެ. ކޯމާގެ ސްޓޭޖަށް މީހާ ދިއުން ވެސް އެކަށީގެންވެއެވެ. ވިހަތަކާއި ނުރައްކާތެރި މާއްދާތައް ހަށިގަނޑުން ނެރެލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ކިޑްނީއާއި ފުއްޕާމެއެވެ. ނަމަވެސް މި ދެ ގުނަވަނަށް ވެސް ކެތްވާނީ ވަކި ވަރަކަށްތާއެވެ. ވިހައާއި، ޖަރާސީމާއި ބެކްޓީރިއާގެ ބައިބޯ ލަޝްކަރުތަކުން ކެނޑިނޭޅި ޙަމަލާތައް ފޮނުވަމުންދަންޏާ ކިޑްނީގައި މައްސަލަ އުފެދި ކިޑްނީ ފެއިލްވުން ފަދަ ބަލިތަކާ އެ މީހަކު ކުރިމަތިލާން ޖެހެއެވެ.
މިކަންކަމުން އަޅުގަނޑުމެންނަށް އެނގެނީ الله سبحانه وتعالى ލޭ އުފައްދަވައިފައިވަނީ އެއްވެސް ޙާލެއްގައި ކެއިންބުއިމުގައި ބޭނުންކުރާ ގޮތަކަށް ނޫންކަމެވެ. ސައިންސާއި ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް މިހާރާ އެއްގޮތަށް ތަރައްޤީވެފައި ނެތް ޒަމާނެއްގައި، އާދެ! މީގެ 1443 އަހަރު ކުރިން ޤުރުއާން ބާވައިލެއްވެމުން ދިޔައިރު ލޭބުއިން ޙަރާމްވުމުގެ ޙުކުމް އައިސްފައި އޮތުމުން ދޭހަވަނީ الله سبحانه وتعالىގެ ވަޙީބަސްފުޅުގެ ތެދުކަމެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمއަށް ބާވައިލެއްވުނު ރިސާލަތުގެ ފުރިހަމަކަން ވެސް ހާމަވެއެވެ.
ކީރިތި ޤުރުއާނުގެ އަލްއަޢްރާފް ސޫރަތުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ (الأعراف: ١٥٧) މާނައީ: “އަދި ރަނގަޅު ތަކެތި އެއުރެންނަށް (އެ އިލާހު) ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخُ مَطِيْعُ إِسْمَاعِيْلُ مُحَمَّدُ