“އަނބިން” މި ލަޤަބަކީ ކާވެންޏާ ގުޅިގެން ލިބޭ އެއްޗެކެވެ.

ފަހުގެ ދީން

ކާވެންޏަކީ ދެ ޖިންސުގެ ދެ މީހުން އެކީ ދިރިއުޅުމުގެ ހުއްދަ ދިނުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވައިފައި އޮތް އުޞޫލެވެ. ޤަވާޢިދެވެ. ދެ ފަރުދެއްގެ ސަބަބުން ތަފާތު ޢާއިލާތައް ގުޅުވައިދޭ ފަލްސަފާއެވެ. އިންސާނުންގެ ނަޞްލު ޤިޔާމަތާ ޖެހެންދެން ހެޔޮގޮތުގައި ދެމިއޮންނާނެ ޤާނޫނެވެ. ކާވެންޏަކީ މުޤައްދަސް ގުޅުމެކެވެ.

ކާވެނީގެ ގޮތުން ގުޅުމަށް ޓަކައި އަހުރެމެންގެ އަމިއްލަ ނަފުސުތަކުން އަނބިން ހެއްދެވިކަމީ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެއްކަން އަންގަވައި ވަޙީކުރައްވަނީ ﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا …﴾ ‎(الروم: ٢١)‏ މާނައީ: “ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިންވާ ކަމެކެވެ.” ކީރިތި ޤުރުއާނުގައި “އަނބިން” މި ލަފުޒު ގެންނަވައިފައި އޮތްއޮތުމަކީ ވެސް އޭގެ ޒާތުގައި އަޖައިބެކެވެ. ކޮންމެ ބަހުރުވަޔަކަށް މި ލަފުޒު ތަރުޖަމާކުރި ކަމުގައި ވިޔަސް ދެވަނަ މާނައެއް ނުނިކުމެއެވެ. އަދި މަފްހޫމު ވެސް އެކައްޗެކެވެ. މި ބުނާ އެއްޗެއް ތަންކޮޅެއް ތިލަކޮށްލާނަމެވެ. އެކުއުޅޭ ބައިވެރިންގެ ގޮތުގައި ކާވެނީގެ ބޭރުން ދެ ޖިންސު ގުޅިގެން އުޅޭ އުޅުމަށް އެތައް ވައްތަރެއްގެ ނަންތައް ކިޔައެވެ. ކާވެނި ކުރެވެންދެން އެއިން އެއްވެސް ގުޅުމެއްގައި އުޅޭ މީހާ އެއީ އަނތްބެއް ކަމުގައި ނުބެލެވެއެވެ. “އަނބިން” މި ލަޤަބަކީ ކާވެންޏާ ގުޅިގެން ލިބޭ އެއްޗެކެވެ.

އިޝްތިހާރު
އިޝްތިހާރު

ކާވެނީގެ މުޤައްދަސް ގުޅުމަށް ހިތްވަރާއި ބާރު ލިބެނީ އެ ގުޅުން ޤާއިމުކުރުމަށް އެންގެވި ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތުންނެވެ. އެކަން ލެއްވެވީ އެކަނބަލުންނާ އެކުއުޅެ ހަމަހިމޭންކަން ލިބިގަތުމުގެ ސަބަބުން އުފެދޭ ރަޙުމަކާއި ލޯތްބެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿… لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ ‎(الروم: ٢١)‏ މާނައީ: “އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

ވިސްނާ ފިކުރު ކުރާ ބަޔަކަށް އެނގެން އޮތް ހެކިތައް ފެންނާނީ ވިސްނާ ފިކުރު ކުރީމައެވެ. އެއީ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ތަދައްބުރުކުރާ މީހުންނެވެ. އެފަދަ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ! އާދެ އެ އާޔަތުން އެނގި ހާމަވަނީ ހަމަހިމޭންކަމާއި އޯގާވެރިކަމާއި ލޯބި ﷲ ލައްވަނީ ކާވެނީގެ ގުޅުމުގައި ކަމެވެ. އެނޫން ގުޅުންތަކަކު ނޫންކަމެވެ. ބަދުއަޚުލާޤީ ޢަމަލުތަކުގެ ތެރެއަށް މުޅި އިންސާނިއްޔަތު ޣަރަޤުވެ ދިޔަޔަސް، އެންމެން އެކަން ބަލައިގަތަސް، އެ ގުޅުންތަކުގައި ލޯތްބާއި ރަޙުމެއް ނުވެއެވެ. ވަގުތީ އުފަލެއް ނޫނީ ނެތެވެ. ކާވެނީގެ މުޤައްދަސްކަން އޮތީ ކާވެނީގައެވެ. އިލާހީ ރުހުން އޮތީ ކާވެނީގައެވެ. ކާވެނިކުރުމަށް ރުހޭށެވެ. އެކަމަށް އަވަސްވެގަންނާށެވެ!

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ أَفْضَل

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ