އީރާން އަތުން ބޮޑު މޮޅަކާއެކު އިންގްލެންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓެޖުގައި އީރާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންގްލެންޑުގެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-2 އިންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ވެސް އިންގްލެންޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ތިން ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގައި އިންގްލެންޑުން ވަނީ ލަނޑު ޖެހުމަށް އީރާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ކުރީކޮޅު އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ އަށް ވަނީ ދެ ފުރުސަތެއް ލިބިފައެވެ. އޭނާ ފޮނުވާލި އެއް ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު، އަނެއް ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއެވެ. މެޗުގެ ވަކި ހިސާބަކުން އީރާންގެ ގޯލް ކީޕަރު އަލިރެޒާ ބެއިރަންވަންޑް އަށް އަނިޔާވެ ބަދަލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމްއެވެ. އެއީ ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެވެ. މިއީ އިންގްލެންޑުގެ ޤައުމީ ޓީމަށް ބެލިންހަމް ޖަހައިިދިން ފުރަތަމަ ލަނޑެވެ. އިންގްލެންޑުގެ ދެ ވަނަ ލަނޑު 44 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ޖެހީ ޑިފެންޑަރު މެގުއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންގްލެންޑުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ރަހީމް ސްޓާލިންއެވެ. އެއީ ކެޕްޓަން ހެރީ ކޭންގެ އެހީތެެރިކަމާއެކު އޭނާ ޖެހި ލަނޑެވެ.

ދެ ވަނަ ހާފަށް ނިކުނެ އިންގްލެންޑުގެ ހަތަރު ވަނަ ލަނޑު ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން ސަކާ ޖެހީ 62 ވަނަ މިނެޓުގައެވެ. މެޗުގައި އީރާންގެ ހަމައެކަނި ލަނޑު އޭގެ ތިން މިނެޓު ފަހުން ޖެހީ މަހްދީ ތަރޭމީއެވެ. އިންގްލެންޑުގެ ފަސް ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖެހީ މާކުސް ރަޝްފޯޑުއެވެ. ރަޝްފޯޑު އެ ލަނޑު ޖެހީ ކޭންގެ އެހީތެރިކަމާއެކުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް އިންގްލެންޑުގެ ފަހު ލަނޑު ޖެހީ ޖެކް ގްރީލީޝްއެވެ. އީރާންގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ތަރޭމީ ޖެހި ލަނޑެކެވެ.

ގްރޫޕް ސްޓޭޖުގައި އިންގްލެންޑަށް ބާކީ ދެން އޮންނާނީ 26 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗާއި، 30 ވަނަ ދުވަހު ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ