ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި (ރާއްޖެ ޓްރާންސްޕޯޓް ލިންކް) އާރުޓީއެލް ފެރީ ޚިދުމަތުގެ އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ފެރީއަށް އަހުލުވެރިކުރުވުމުގެ ދަތުރުތައް ހޯމަ ދުވަހު ފަށާފައިވާކަމަށެވެ. އަހުލުވެރިކުރުވުމުގެ ދަތުރުތައް ނޮވެމްބަރު 21 އިން 27 އަށް ކުރާއިރު އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދޭން ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާ އެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމެވެ. މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.
އެމްޓީސީސީން ބުނީ ޅ. އަތޮޅުގައި އަގުނަގައިގެން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރުގައި ކަމަށެވެ. ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާ އެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެވެ. އަދި 24 ނޮވެމްބަރުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބަލައިގަތުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕެވެ.
ރަސްމީކޮށް އަގުނަގައިގެން ޙިދުމަތް ދޭން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ) އެންސްޕާ ގައި ރަޖިސްޓްރީވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. ޒޯން 2 ގެ ޅ.އަތޮޅުގެ އާރް.ޓީ.އެލް ފެރީ ޚިދުމަތް ހަފުތާ އަކު ހަތް ދުވަހު، 2 އާރް.ޓީ.އެލް ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބިގެންދާނެއެވެ.
އެމްޓީސީސީ އިން މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ހއ. އަދި ހދ. ގެ އިތުރުން ށ. އަތޮޅުގައެވެ.