ޗެންޕިއަން ފްރާންސަށް ވަރުގަދަ ފެށުމެއް

ކުޅިވަރު ފަހުގެ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި އޮސްޓްރޭލިއާ އާއި ވާދަކޮށް ފްރާންސް މޮޅުވީ 4-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އޮސްޓްރޭލިއާ ޓީމުންނެވެ. ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލީޑު ނަގައިދިނީ ކްރެއިގް ގުޑްވިންއެވެ. މިއީ މެތިއު ލެކީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގުުޑްވިން ކާމިޔާބުކުރި ލަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފްރާންސް މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ގިނަ ލަނޑުތަކެއް ޖަހައިގެންނެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑްރިއެން ރާބިއޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ލީޑު ނަގައިދިނީ މެޗުގައި ދެލަނޑު ޖެހި އޮލިވިއޭ ޖިރޫޑެވެ. ފްރާންސްގެ އަނެއް ލަނޑު ޖެހީ ޓީމުގެ ތަރި ކޭލިއަން އެމްބާޕޭއެވެ.

މި މެޗުގައި ޖިރޫޑް ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. މި މެޗުގެ ލަނޑުތަކާއެކު ޖިރޫޑް ވަނީ ފްރާންސް ޓީމަށް ޖުމްލަ 51 ލަނޑު ޖަހައިދީފައެވެ. މިހާތަނަށް ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތިއެރީ އޮންރީވެސް ވަނީ ފްރާންސް ޓީމަށް 51 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނާގައި ފްރާންސް އޮތީ ތިން ޕޮއިންޓާއެކުއެވެ. ގްރޫޕްގައި ދެން ކުޅުނު މެޗުން އެއްވަރުވި ޑެންމާކާއި ޓިއުނީޝިޔާއަށް ލިބެނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ފްރާންސް އަތުން ބަލިވި އޮސްޓްރޭލިއާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ