ގާނާ އަތުން ޕޯޗުގަލްއަށް މޮޅެއް، ރޮނާލްޑޯއަށް ރެކޯޑެއް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.

ސްޓޭޑިއަމް 974ގައި ގާނާއާ ވާދަކުރި މެޗު ޕޯޗުގަލް ކާމިޔާބުކުރީ 3-2ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ޕޯޗުގަލްއިންނެވެ. ދެވަނަ ހާފުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ގާނާގެ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ރޮނާލްޑޯއަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕެނަލްޓީއާއެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ޕޯޗުގަލްއިން ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ގާނާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ގާނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަންދްރޭ އަޔޫއެވެ. ލަނޑު ޖެހިފަހުން މާ ގިނައިރެއް ނުވަނީސް އޭނާ ވަނީ ބަދަލުކޮށްފައެވެ. ޕޯޗުގަލްއިން ދެވަނަ ފަހަރަށް ލީޑު ނެގީ އޭނާ ބެންޗަށް ގޮސް ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނިކޮށެވެ. ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ޖޯ ފީލިކްސްއެވެ. އޭގެ ދެމިނެޓު ފަހުން ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދިނީ ރަފައެލް ލެއާއޯއެވެ.

ނަމަވެސް ގާނާއިން ވަނީ ހިތްވަރު އެލުވާނުލައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ގާނާގެ އޮސްމާން ބުކާރީ ވަނީ މެޗުގެ 89 ވަނަ މިނެޓުގައި ލަނޑެއްޖަހައި އުންމީދު އައުކޮށްފައެވެ. ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވިއެވެ. ބުކާރީއަށް އޭގެ ފަހުން ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ނުހިފުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ