​ރިޗާލިސްންގެ ދެ ލަނޑުން ބްރެޒިލްއަށް މޮޅެއް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ރިޗާލިސަން ޖެހި ދެލަނޑުން ބްރެޒިލް މޮޅުވެއްޖެއެވެ.

ލުސައިލް ސްޓޭޑިއަމްގައި ސާބިއާ އާއި ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ 2-0ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފު ފެށިގެން ބޮޑަށް ކުރިއަށްޖެހިގެން ލަނޑު ޖަހަން ބްރެޒިލްއިން ކުރި މަސައްކަތް ކާމިޔާބުވީ ގިނަ ހަމަލާތަކެއް އުފެއްދި ފަހުންނެވެ. ނޭމާ ފޮވުވާލި ހިލޭ ޖެހުން ފާރުގައި ޖެހިފައި ބޭރަށް ދިޔައިރު އަލެކްސް ސަންޑްރޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ރިޗާލިސަންއެވެ. މިއީ ވިނީޝިއޫސް ފޮނުވާލި ހަމަލާއެއް ސާބިއާ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ރިޗާލިސަންގެ ދެވަނަ ލަނޑަކީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމު އެއް ލަނޑެވެ. ވިނީޝިއޫސް ދިން ބޯޅަ މައްޗަށް ހިއްލާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލީ އޯވަ ހެޑަކުންނެވެ.

އޭގެ ފަހުންވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ބްރެޒިލް ޓީމުން ތަނަވަސްކުރިއެވެ. ކަސެމީރޯ ފޮނުވާލި ބާރު ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ނުކުތް އިރު ފްރެޑް ފޮނުވާލި ބޯޅަ ދިފާއުކުރީ ސާބިއާގެ ކީޕަރެވެ.

މުޅި މެޗުގައިވެސް ބްރެޒިލްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ސާބިއާއަށް ނުއުފެއްދުނެވެ. އެމީހުން މަސައްކަތް ކުރީ ބްރެޒިލްއިން ފުލުފުލުގައި އުފެއްދި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމަށެވެ.

މީގެ ކުރިން މި ދެޓީމު ބައްދަލުކުރީ އެންމެ ދެމެޗުގައެވެ. 2014 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ބްރެޒިލް ކާމިޔާބުކުރީ 1-0ންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެޓީމު ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 2-0ންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ