​އީރާންގެ ފުރަތަމަ މޮޅު، މުބާރަތުގެ ފުރަތަމަ ރަތް ކާޑު ވޭލްސްއަށް

ކުޅިވަރު ފަހުގެ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އީރާނުން އެގައުމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަހްމަދު މިން އަލީ ސްޓޭޑިއަމްގައި ވޭލްސް އާއި ވާދަކުރި މެޗު އީރާނުން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ދެލަނޑު ޖަހައިގެންނެވެ. މުޅި މެޗުގައިވެސް ގިނަ ހަމަލާތަކެއް އުފެއްދި އީރާނަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެޗުގެ 86 ވަނަ މިނެޓުގައި ވޭލްސްގެ ކީޕަރަށް ރަތް ކާޑު ދެއްކުމެވެ.

އިޝްތިހާރު
އިޝްތިހާރު

ވޭލްސްގެ ކީޕަރު ވޭން ހެނެސީއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން އީރާނުގެ މެހްދީ ތަމޭރީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ހެނެސީއަށް ރަތް ކާޑު ދެއްކީ ރީންދޫ ކާޑެއް ދެއްކުމަށްފަހު ވީއޭއާރު ބަލާފައެވެ.

މިއާއެކު އީރާނުން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވޭލްސްގެ ޑިފެންސް ލައިނަށް ބާރު ބޮޑުކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި އީރާނަށް ލީޑު ނަގައިދިނީ ރޫޒްބޭހް ޗެޝްމީއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި މި ލަނޑަކީ މިފަހަރުގެ މުބާރާތުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ފުރަތަމަ ލަނޑެވެ. ކައުންޓަ އެޓޭކެއްގައި ލިބުނު ފުރުސަތަކުން އީރާނަށް ލީޑު ފުޅާކޮށްދިނީ ރަމިން ރެޒެއާންއެވެ.

މި މެޗަކީ ވޭލްސްގެ ކެޕްޓަން ގަރެތު ބޭލްއަށް ވަރަށް ޚާއްސަ މެޗެކެވެ. މި މެޗާއެކު އޭނާ ވެފައިވަނީ ވޭލްސް ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ވޭލްސް ޓީމަށް 109 މެޗު ކުޅެދިން ކްރިސް ގަންތާ އަތުގައެވެ. މި މެޗާއެކު ވޭލްސް ޓީމަށް ބޭލް ކުޅެދިން މެޗުގެ އަދަދު ވަނީ 110ށް އަރާފައެވެ.

މި ނަތީޖާއާއެކު އީރާނުން ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނާގައި އޮތީ ފުރަތަމަ މެޗުން އީރާނު ބަލިކުރި އިންގްލޭންޑެވެ. މެޗުން ބަލިވި ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. ތާވަލުގެ ފުލުގައި ވޭލްސް އޮތީ އެމެރިކާއާއި ކުޅުނު މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ވޭލްސްއަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ