ފީފާ ވޯލްޑް ކަޕްގައި ޖަޕާނު ބަލިކޮށް ކޮސްޓަރިކާއިން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.
އަހްމަދް ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮސްޓަރިކާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ނުފެނުނެވެ. ދެޓީމުންވެސް މަސައްކަތްކުރީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ފުރަތަމަ ހާފު ނިންމާލުމަށެވެ. އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނުއުފެއްދެއެވެ.
ދެވަނަ ހާފުގައި ދެޓީމުންވެސް މަސައްކަތްކުރީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ނެރުމަށެވެ. ދެޓީމުންވެސް ދިޔައީ އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. ކޮސްޓަރިކާ މެޗުން މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ކޭޝާ ފުލާއެވެ. މިއީ ޖަޕާނުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭރިއާގެ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.
މި ލަނޑާއެކު ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ދެއަރިމަތީގެ ބޭނުންހިފައި އެޓީމުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް ފުރުސަތުގެ ބޭނުންހިފައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.
މި މެޗަށް ނުކުތްއިރު، މީގެ ކުރިން މި ދެޓީމު ވަނީ ރަހުމަތްތެރިކަމުގެ ފަސް މެޗެއްގައި ބައްދަލުކޮށްފައެވެ. މީގެ ތެރެއިން ހަތަރު މެޗުން ޖަޕާނު މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ޖަޕާނުން މޮޅުވި ހަތަރު މެޗުގެ ތެރެއިން ކޮންމެ މެޗެއްގައިވެސް އެޓީމުން ވަނީ ކޮސްޓަރިކާ ކޮޅަށް ތިން ލަނޑު ޖަހާފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާނު ވަނީ ފަހަތުން އަރައި 2-1ން ޖަރުމަނު ބަލިކޮށްފައެވެ. ކޮސްޓަރިކާގެ ފުރަތަމަ މެޗުގައި ސްޕެއިން އަތުން ބަލިވީ 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މި މެޗުން މޮޅުވާން ކޮސްޓަރިކާއަށް އޮތީ މަޖުބޫރުވެފައެވެ.
މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ކޮސްޓަރިކާ އޮތީ ގްރޫޕް އީގެ ތިންވަނަ މަގާމުގައެވެ. އެއްވަނާގައި އޮތް ސްޕެއިނާއި ދެވަނާގައި އޮތް ޖަޕާނަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ޖަރުމަނަށް ޕޮއިންޓެއް ނުލިބެއެވެ.
މި ގްރޫޕްގައި ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.