ސްޕެއިން އަދި ޖަރުމަން ބައްދަލުކޮށް އެއްވަރުވެއްޖެ​

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ސްޕެއިން އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރުވުމުން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ޖަރުމަނަށް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މެޗުގެ ދެލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ސްޕެއިންގެ ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ، ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާގެ އަތުގައި ޖެހިފައި ބޭރަށް ދިޔައިރު، ޖޯޑީ އަލްބާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. މީގެ އިތުރުން ޖަރުމަނުގެ ސާޖް ގިނާބްރީ އުފެއްދި ހަމަލާ ބޭރަށް ދިޔައިރު ކިމިޗްގެ ހަމަލާގެ ހުރަހަކަށްވީ ސްޕެއިންގެ ކީޕަރެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ހާފުގައި ޖަރުމަނުން ލަނޑެއް ޖެހިއެވެ. ހިލޭ ޖެހުމަކުން އައި ބޯޅައެއް އެންޓޯނިއޯ ރުޑިގާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑު ޕޮޒިޝަނެއްގައި ކަމަށެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސްޕެއިން ޓީމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ސްޕެއިންއަށް ލީޑު ނަގައިދިނީ ޖޯޑީ އަލްބާ ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކްލަސް ފުލްކްރަގްއެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނާގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ޖަޕާނާއި ތިންވަނާގައި އޮތް ކޮސްޓަރިކާއަށް ލިބެނީ ތިން ޕޮއިންޓެވެ. ގްރޫޕް ތާވަލުގެ ފުލުގައި ޖަރުމަން އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ. އެހެންކަމުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ޖަރުމަނަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ