ޚާއްސަ ލޭންތަކާއެކު ހުޅުމާލޭގެ މަގުތަކުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަނީ

ޚަބަރު ފަހުގެ

ހުޅުމާލޭގެ މަގުތަކުގެ ޑިޒައިނަށް ބޮޑު ބަދަލުތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގެންނަން ނިންމައިފިއެވެ.

ހުޅުމާލޭގެ މަގުތަކަށް ގެންނަ މި ބަދަލަކީ 2015ވަނަ އަހަރު ތައްޔާރުކޮށްފައިވާ ޓްރާންސްޕޯޓް މާސްޓަރޕްލޭނާ އެއްގޮތަށް ގެންނަ ބަދަލުތަކެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މަސައްކަތުގެ ތެރެއިން ހުޅުމާލެ ނިރޮޅުމަގާއި އެހެން މަގުތައް ލޭންތަކަށް ބަހައި އެ ލޭންތައް ކުރެހުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ބަހަށް ޚާއްސަކޮށްގެން ބަސް ލޭނަކާއި ސައިކަލާއި ބައިސްކަލަށް ވެސް ލޭނެއްވަނީ ޚާއްސަކޮށްފައެވެ.

އެޗްޑީސީން ބުނީ އެ ބަދަލުތައް ގެންނަނީ ހުޅުމާލޭގެ އިތުރުވަމުން އަންނަ އާބާދީއާއެކު ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނައުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުރެއެވެ.

އެހެންކަމުން މަގުތަކުގެ އާ ޕްލޭންތަކާއެކު ހަތަރު ލޭނަކަށް ބަހާލައިގެން އެއްފަހަރާ ހަތަރު ވެހިކަލް އެއް މަގުން ދުއްވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

މި ބަދަލުތަކާއެކު ހަތަރު ލޭން ހުންނަ މަގުތަކުގައި ޕާކުކުރުން މަނާވާނެއެވެ.

އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސައިދެމުން އަންނަކަމަށް އެޗްޑީސީން ބުންޏެވެ.

ހަމައެއާއެކު އަލަށް ގެންނަ ބަދަލުތަކާއެކު މަގުގައި ހިނގާ މީހުންނަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރަހައިފައި ހުންނާނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މަގުތަކުގެ އާ ޑިޒައިނާއެކު މަގުތައް ބޭނުންކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެކަމަށް އުންމީދުކުރާކަމަށް އެޗްޑީސީއިން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ