އީރާނު ބަލިކޮށް އެމެރިކާއިން ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރިއިރު، ގްރޫޕް ބީގެ އެއްވަނައިގައި އިންގްލެންޑް ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު 12 ޖެހިއިރު ކުޅުނީ ގްރޫޕް ބީގެ ފަހު ދެމެޗެވެ. މި ދެމެޗުގެ ތެރެއިން އެމެރިކާ އާއި އީރާނު ބައްދަލުކުރި މެޗު ނިމުނީ 1-0ގެ ނަތީޖާއިން އެމެރިކާ މޮޅުވެގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެމެރިކާއަށް ކާމިޔާބުކޮށްދިނީ ކްރިސްޓަން ޕުލިސިޗްއެވެ. މި ލަނޑު ޖެހުމަށް އޭނާއަށް އެހީތެރިވެދިނީ ސާޖިނީއޯ ޑެސްޓްއެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ވާދަކުރީ އިންގްލެންޑާއި ވޭލްސްއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިންގްލެންޑް މޮޅުވީ ދެވަނަ ހާފުގައި ޖެހި ތިން ލަނޑުންނެވެ. ފުރަތަމަ ލަނޑަކީ ހިލޭ ޖެހުމަކުން މަކަސް ރަޝްފޯޑްއެވެ. އޭގެ އެއް މިނެޓު ފަހުން ފިލް ފޮޑެން ލަނޑެއް ޖަހާ އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، އިންގްލެންޑުގެ ފަހު ލަނޑު ޖެހީ ފުރަތަމަ ލަނޑު ޖެހި ރަޝްފޯޑްއެވެ.
މި ނަތީޖާއާއެކު އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ދެވަނަ ބުރުގެ ޖާގަ ހޯދި އެމެރިކާއަށް ލިބެނީ ފަސް ޕޮއިންޓެވެ. އެމެރިކާ އާއި އެއްވަރު ކޮށްގެން ވެސް ދެވަނަ ބުރުގެ ޖާގަ އީރާނަށް ލިބެން އޮތެވެ. ނަމަވެސް މެޗުން ބަލިވުމުން އީރާނު މުބާރާތް ނިންމާލަން ޖެހުނީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ތިންވަނައިގައެވެ. ފުލުގައި އޮތް ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.