ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދިގު މުއްދަތަކަށް ޙިދުމަތް ކޮށްދީފައިވާ 68 މުވައްޒަފުންނަށް އެވޯޑް ދީފައިވެއެވެ. އޭގެތެރޭގައި 40 އަހަރު ޙިދުމަތް ކޮށްދީފައިވާ 3 ބޭފުޅަކު ހިމެނެއެވެ. އެއީ ޢާއިޝަތު ނޫރައްދީން (ޑެޕިއުޓީ ސީއީއޯ)، ފާތިމަތު މަނިކެ (ޑިވެލޮޕްމަންޓް ބޭންކިންގ ޑައިރެކްޓަރ) އަދި މޫސާ މުޙައްމަދު (ސީނިއަރ ފެސިލިޓީސް އޮފިސަރ) އެވެ. މި ރަސްމިއްޔާތުގައި 35 އަހަރު ބޭންކަށް ހިދުމަތްކޮށްދެއްވާފައިވާ ފިރާޤް އަހުމަދު (ސީނިއަރ ރީކޮންސިލިއޭޝަން އޮފިސަރ) އަށްވެސް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވަނީ ބީއެމްއެލްގެ ދިގު މުއްދަތުގައި މުވައްޒަފުން އެ ބޭންކަށް ކޮށްދީފައިވާ ޙިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކޮށްފައެވެ.
” މި ގައުމުގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތައް މި ފުރުސަތުގައި ޝުކުރު އަދާކުރަން. މި ދާއިރާގައި ތިޔަ ބޭފުޅުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް.” ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.