ފީފާ ވޯލްޑް ކަޕްގައި ފްރާންސާއި ވާދަކުރި މެޗުން ޓިއުނީޝިޔާ މޮޅުވި ނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ނުކޮށް އެޓީމު ކަޓައިފިއެވެ.
ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި ޓިއުނީޝިޔާއިން ފްރާންސް ބަލިކުރީ 1-0ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގައި މެޗުގެ ހަމައެކަނި ލަނޑު ޓިއުނީޝިޔާއަށް ކާމިޔާބުކޮށްދިނީ ވަހްބީ ޚަޒްރީއެވެ. މިއީ އައިސާ ލައިދޫނީގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފަހު ވަގުތުގައި ފްރާންސްގެ އެންޓޮއިން ގްރީޒްމަން ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާ އެލަނޑު ބަލައިނުގަނެފައެވެ.
މި މެޗަށް ނުކުތް އިރު ޓިއުނީޝިޔާއަށް ދެވަނަ ބުރުގެ ޖާގަ ލިބެން އޮތީ ފްރާންސް ބަލިކޮށް، އަދި ގްރޫޕްގައި ދެން ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅު ނުވެއްޖެ ނަމައެވެ. ނަމަވެސް އޮސްޓްރޭލިއާއިން ވަނީ ޑެންމާކާއި ވާދަކޮށް 1-0ން ކުރިހޯދާފައެވެ. އޮސްޓްރޭލިއާ ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަތިއު ލެކީއެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި ފްރާންސް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ދެވަނަ ބުރަށް ދަތުރުކުރި އޮސްޓްރޭލިއާއަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ ހުރިހާ މެޗެއް ނިމުނު އިރު ޓިއުނީޝިޔާ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ޑެންމާކަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.