ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިޔާއާ ބައްދަލުކުރި މެޗު އެއްވަރުވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ބެލްޖިއަމްއަށް ގެއްލިއްޖެއެވެ.
ގްރޫޕް އެފްގެ ފަހު މެޗުގައި ކްރޮއޭޝިޔާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ކްރޮއޭޝިޔާއަށް ޕެނަލްޓީއެއް ދިނުމަށްފަހު ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު ޕެނަލްޓީ ނުދިނުމަށް ނިންމާފައެވެ.
މި މެޗުގައި ލަނޑު ޖެހުމަށް އެންމެ ގިނަ ފުރުސަތުތަކެއް ލިބުނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫއަށެވެ. ދެވަނަ ހާފުގައި ކުޅެން އެރި ލުކާކޫއަށް ލަނޑު ޖެހުމަށް ވަރަށް ރަނގަޅު ހަތަރު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާއަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައެއްނުލެވުނެވެ. ލުކާކޫ ފޮނުވާލި ފުރަތަމަ ހަމަލާ ކްރޮއޭޝިޔާގެ ގޯލު ދަނޑީގައި ޖެހިފައި ނުކުތްއިރު، އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ލިބުނު ދެފުރުސަތުގައިވެސް ލުކާކޫގެ ފައިގައި ޖެހިފައި ދިޔައީ ގޯލުގެ ތެރެއަށް ބޯޅަ ނުވަދެއެވެ.
މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ބައްދަލުކުރީ ކެނަޑާއާއި މޮރޮކޯއެވެ. މި މެޗު 2-1ން ކާމިޔާބުކޮށް މޮރޮކޯ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. މެޗުގެ ތިން ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި މޮރޮކޯއަށް ލީޑު ނަގައިދިނީ ހަކީމް ޒިޔެކްއެވެ. މޮރޮކޯއަށް ލީޑު ނަގައިދިނީ ޔޫސުފް އެން-ނަސީރީއެވެ. ކެނަޑާގެ ލަނޑަކީ މޮރޮކޯގެ ނައީފް އެގުއާޑް އަތުން ބައިކޮޅަށް ވަތްން ލަނޑެކެވެ.
ގްރޫޕް އެފްގެ ހުރިހާ މެޗުތަކެއް ނިމުނުއިރު، މޮރޮކޯއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައެވެ. ކްރޮއޭޝިޔާ ދެވަނަ ބުރުގެ ޖާގަ ހޯދީ، ގްރޫޕްގެ ދެވަނާގައި ފަސް ޕޮއިންޓާއެކުއެވެ. ދުނިޔޭގެ ދެވަނާގައި ފީފާއިން ރޭންކުކޮށްފައިވާ ބެލްޖިއަމް މުބާރާތުން ކެޓީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނާގައެވެ. ތާވަލުގެ ފުލުގައި އޮތް ކެނަޑާއަށް ޕޮއިންޓެއް ނުލިބެއެވެ. މި މެޗާ ކުރިމަތިލިއިރުވެސް ކެނަޑާ ވަނީ މުބާރާތުން ކަޓާފައެވެ.