ފީފާ ވޯލްޑް ކަޕްގައި ގްރޫޕް ޖީގެ މެޗުތައް ނިމުނުއިރު، ބްރެޒިލް އާއި ސްވިޓްޒަލެންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި މެޗަށް ނުކުތް އިރުވެސް ބްރެޒިލްއަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެންކަމުން އެޓީމުން މެޗު ފެށީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެމަރޫންއާއި ވާދަކޮށް ބްރެޒިލް ބަލިވީ 1-0ގެނަތީޖާއިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކުރެވެ. މިއީ އެމްބެކެލީ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ލަނޑު ޖެހުމަށްފަހު ޖާޒީ ބޭލުމުން ރެފްރީ ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ވިންސެންޓް ދަނޑުން ފޮނުވާލާފައެވެ. މި މެޗުގައި ލަނޑު ޖެހުމަށް ބްރެޒިލްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ނުހިފި ބޭކާރުވީއެވެ.
ސްވިޓްޒަލެންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސާބިއާގެ މައްޗަށް 3-2ން ކުރިހޯދައިގެންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ސްވިޓްޒަލެންޑަށް ލީޑު ނަގައިދިނީ ޝާޑަން ޝަކީރީއެވެ. ނަމަވެސް އަލެކްސަންޑާ މިޓްރޯވިޗް އާއި ޑުސާން ވްލަހޯވިޗްގެ ލަނޑުން ސާބިއާ ނަތީޖާ އަނބުރާލިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޓްޒަލެންޑުން ވަނީ ސާބިއާ އާއި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސްވިޓްޒަލެންޑަށް ނަތީޖާ އެއްވަރު ކޮށްދިނީ ބްރީލް އެމްބޮލޯއެވެ. ސްވިޓްޒަލެންޑް ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެމޯ ފްރެއުލާއެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ގްރޫޕް ޖީގެ އެއްވަނައިގައި ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ބްރެޒިލްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ކެމަރޫން މުބާރާތް ނިންމާލަން ޖެހުނީ ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ސާބިއާއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.