ލޯކަލް ޓޫރިޒަމުގެ ނަމުގައި އާޚިރަތް ޤުރުބާންކޮށްނުލާށެވެ!

ފަހުގެ ދީން

ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ހިނގަމުން ގެންދާ މާފުށްޓާއި އުކުޅަސް ފަދަ ރަށްރަށުގެ އިޖުތިމާޢީ ވެށްޓާއި ދީނީ ޤިޔަމުތަކާއި އަޚްލާޤިއްޔަތު ޚަރާބުވެފައިވާ މިންވަރަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ވާހަކައެކެވެ. ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާ ވާހަކަތަކެކެވެ. މިއީ އަޅުގަނޑުމެން ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެއިން ޢިބްރަތް ލިބިގަންނާން ޖެހޭ ކަމެކެވެ.

ދަންނާން ޖެހޭ ޙަޤީޤަތަކީ، ހުރިހާ އެއްޗަކީ ޑޮލަރެއް ނޫން ކަމެވެ. ލޯކަލް ޓޫރިޒަމަކީ ހަމައެކަނި ދިރިއުޅޭން އޮތް ވަސީލަތެއް ކަމަށް ބަލައިގެން އެ ގޮތަށް ކަންކަން ރޭވުމަކީ ވެސް ގޯހެކެވެ. މުޅި އިޤްޞާދު އޭގެ މަތީގައި ބިނާކުރުމަކީ ވެސް މޮޔަކަމެކެވެ. އެ ކަމުގެ އިތުރުން ވެސް ދިރިއުޅޭން ކުރާނޭ އެކިއެކި ކަންކަމާއި މަސައްކަތްތައް ހުންނާނޭކަން ޔަގީނެވެ. އެ ކަންކަމަށް ރަނގަޅު ސްޓްރެޓެޖީތަކެއް ހަދައިގެން މަސައްކަތްކޮށްފިއްޔާ އެ ކަންކަން ހާސިލުވާނޭކަން ވެސް ކަށަވަރެވެ. ގެސްޓުން އަތުން ލިބޭ ޑޮލަރު ފަހައި ދުވެގެން، ދުނިޔެއާއި އާޚިރަތް ޤުރުބާން ކުރުމަށް ވުރެ މޮޔަކަމެއް ނޯންނާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރަށްރަށުގެ ކައުންސިލަރުން ވެސް އެ ބޭފުޅުންގެ ޒިންމާ ފުރިހަމަ ގޮތުގައި އުފުއްލަވާން އެބަ ޖެހެއެވެ. އެ ބޭފުޅުންނާ ހަވާލުވެފައިވާ ހަމައެކަނި ޒިންމާއަކީ ރަށަށް ޑޮލަރު ވެއްދުމެއް ނޫނެވެ. ނުވަތަ އެ ކަމަށް މަގު ތަނަވަސްކޮށްދެއްވުމެއް ވެސް ނޫނެވެ. ނުވަތަ ހަމައެކަނި އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ހޯދައިދިނުމެއް ވެސް ނޫނެވެ. އެ ބޭފުޅުންގެ ޒިންމާ އެއަށްވުރެ ފުޅާވެގެންވެއެވެ. އިޤްތިޞާދީގޮތުން ރައްޔިތުންނަށް ފުރުޞަތުތަކާއި ކަންކަން ފަހިކޮށްދޭން ޖެހޭ ފަދައިން އެއަށް ވުރެ ބޮޑަށް ރަށުގެ އިޖުތިމާޢީ އަޚްލާޤިއްޔާތާއި ތަނުގައި އޮތް ދީނީ ޤިޔަމުތައް ރައްކައުތެރިކުރުމަކީ ވެސް އެޅިފައިވާ ބޮޑު ޒިންމާއެކެވެ. ކަންކަން ރޭވި ތަރުތީބުކުރެވެން ޖެހެނީ މި ދެންނެވި ކަންކަމަށް އަތުވެދާނޭ ލޮޅުންތަކާއި ގެއްލުންތަކާއި ގޮންޖެހުންތައް ވަރަށް ރަނގަޅަށް ދިރާސާކުރެވި މިނެކިރިގެންނެވެ. އެއިން ކަމެއް ޤުރުބާންކޮށް ނަގައި އެއްލައިލެވިގެން ނުވާނެއެވެ.

ކައުންސިލަރުންގެ ކޮނޑުގައި އެޅިފައިވާ މުސްލިމް މުޖުތަމަޢެއްގެ ޒިންމާއަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. ޖަވާބުދާރީވާން ޖެހޭނީ މާތް ﷲ ގެ ޙަޟްރަތުގައެވެ. މިއަދު ނިންމާ ނިންމުމެއްގެ ސަބަބުން މުސްލިމް މުޖުތަމަޢެއްގެ ދީނީ ޤިޔަމުތަކާއި އަޚްލާޤިއްޔާތާއި އިޖުތިމާޢީ ފޭރާން އެއްކޮށް ފުނޑުފުނޑުވެގެން ދިޔުމަކީ ކުޑަކުޑަކަމެއް ނޫނެވެ. އެ ކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން އެބޭފުޅުންނާ ސުވާލުކުރެވޭނޭ ކަން ކަށަވަރެވެ. އެ ދުވަހުން ކުރެވޭ ސުވާލުތަކަކީ ގަދަފަދަ ސުވާލުތަކަކަށް ވާނޭ ކަމާ މެދަކު ވެސް ޝައްކެއް ނެތެވެ. އެހެނީ އިސްލާމީ ޖީލެއްގެ މުޅި މުސްތަޤްބަލާއި އިސްލާމީ މުޖުތަމަޢެއްގެ މަސީރަތު ނުރައްކަލެއްގެ ތުންފަތް މައްޗަށް އެއްލައިލުމަކީ ނުރައްކައުތެރިކަމެކެވެ.

އަޅުގަނޑުމެން ރައްޔިތުން ވެސް މާތް ﷲއަށް ބިރުވެތިވާން ޖެހެއެވެ. މިފަދަ ކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢަށް ތަޢާރަފުވެ އަތުން ދޫވެގެންދާން ދޫކޮށްލައިގެން ތިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެ ކަންކަމާ މެދު ރައްޔިތުން ބަސްބުނާން ޖެހެއެވެ. ލޯކަލް ޓޫރިޒަމުގެ ނަމުގައި، އެ ނިގުޅައިގަނެވެނީ ދިރިއުޅޭ އަމިއްލަ ރަށުގެ ވެށްޓެވެ. އެ ތަނުގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމެވެ. މާތްވެގެންވާ އިސްލާމްދީނުން އަޅުގަނޑުމެންނަށް ލިބިފައިވާ ދީނީ ޤިޔަމުތަކާއި އަޚްލާޤިއްޔާތެވެ. ދަރީންގެ މުސްތަޤްބަލެވެ.

ދުޢާއަކީ މާތް ﷲ ގެ ރަޙުމަތްފުޅާއި މިންވަރުފުޅުގެ ތެރެއަށް އަޅުގަޑުމެންނަށް ވަދެވުމެވެ. އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުމެވެ. އަޅުގަނޑުމެންނަކީ ދުނިޔެވީ މަދު ޑޮލަރުކޮޅަކަށް އާޚިރަތް ވިއްކައިލާ ބަޔަކަށް ވެގެން ނުދިޔުމެވެ. އަޅުގަނޑުމެންނަކީ، ދީނީ ޤިޔަމުތަކާއި އިޖުތިމާޢީ އަޚްލާޤިއްޔާތާއި ރީތި އާދަކާދަތައް ހިފަހައްޓާ ބަޔަކަށް ވުމެވެ.

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ شَفِيْعُ عَبْدُ الله

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ