ޕެނަލްޓީއިން ސްޕެއިން ބަލިކޮށް މޮރޯކޯ ކުއާޓާރއަށް

ކުޅިވަރު ފަހުގެ

​ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީއިން މޮރޯކޯގެ މޮޅުވެ، ސްޕެއިން ކަޓައިފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 90 މިނެޓު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ކުއާޓަރ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ޖެހި އެއްވެސް ޕެނަލްޓީއެއް ސްޕެއިން ޓީމަށް ކާމިޔާބު ނުކުރެވުނެވެ. ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ކާލޮސް ސޯލާ އާއި ކެޕްޓަން ސާޖިއޯ ބުސްކަޓްސްގެ ޕެނަލްޓީ މަތަކުރީ މޮރޯކޯގެ ކީޕަރު ބޯނޯއެވެ.

މޮރޯކޯގެ އަބްދުލްހަމީދް ސަބީރީ އާއި ހަކީމް ޒިޔެކްގެ ޕެނަލްޓީ ކާމިޔާބުކޮށް އިތުބާރު ހޯދި ނަމަވެސް ބަދްރު ބެނޫން ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު އުނޭ ސިމޯން ވަނީ މަތަކޮށްފައެވެ. ނަމަވެސް އަޝްރަފް ހަކީމީ ވަނީ ވަރަށް އިތުބާރާއެކު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް މޮރޯކޯ ގެންގޮސްދީފައެވެ.

މިއީ މޮރޯކޯއިން ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުބާރާތުގެ ގަދަ 16ށް އެޓީމު ދަތުރުކޮށްފައިވަނީ 1986 ވަނަ އަހަރުއެވެ. ކުއާޓަރ ފައިނަލުގައި މޮރޯކޯ ވާދަކުރަން ޖެހޭނީ ގަދަ 16ގެ ފަހު މެޗުގައި މިރޭ ޕޯޗުގަލް އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ