ރޮނާލްޑޯ ނުލައި ރާމޯސްގެ ހެޓްރިކްއިން ޕޯޗުގަލް ކުއާޓާއަށް

ކުޅިވަރު ފަހުގެ

ޓީމުގެ ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނާ ޕޯޗުގަލް ކުޅުނު ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ މެޗުގައި ބޮޑު މޮޅެއް ހޯދާ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ސްވިޒަލެންޑާއި ދެކޮޅަށް ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލް ކާމިޔާބުކުރީ 6-1ންނެވެ. މި މެޗު ޕޯޗުގަލް ޓީމުން ފެށީ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައެވެ. އޭނާގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމަނާފައިވަނީ ގޮންސާލޯ ރާމޯސްއެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ޕޯޗުގަލްއަށް ލީޑު ނަގައިދިނީވެސް ރާމޯސްއެވެ. މީގެ އިތުރުން ރާމޯސް ވަނީ މި މެޗުގައި ޖުމްލަ ތިން ލަނޑުޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ރާމޯސްގެ އަނެއް ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޯޗުގަލްގެ އެހެން ލަނޑުތައް ޖެހީ ޕެޕޭ، ރަފައެލް ގުރޭރޯ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ވަގުތު ކުޅެންއެރި ރަފައެލް ލެއާއޯއެވެ. ސްވިޒަލެންޑުގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި އެޓީމަށް ޖަހައިދިނީ މެނުއެލް އަކަންޖީއެވެ. ދެވަނަ ހާފުގައި ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭނާއަށް ބޯޅަ ލިބުނުއިރު އޮފްސައިޑު ޕޮޒިޝަނެއްގައި ހުރުމުން ރެފްރީ ނިންމީ އެލަނޑު ބަލައިނުގަތުމަށެވެ.

މިއީ 2006 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލަށް ޕޯޗުގަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ މޮރޯކޯއާއެވެ. ގަދަ 16ގެ މެޗުތައް ނިމުނުއިރު ޕޯޗުގަލްއާއި މޮރޯކޯގެ އިތުރުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކްރޮއޭޝިޔާ، ބްރެޒިލް، ނެދަލެންޑްސް، އާޖެންޓީނާ އަދި އިންގްލެންޑުގެ އިތުރުން ފްރާންސެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ