ކައިވެންޏަކީ މުސްލިމެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް މުނާސަބަތެވެ. އެ މުނާސަބަތު ފާހަގަކޮށް، މީސްތަކުންނަށް އެންގުމަށް އިސްލާމްދީނުގައި ވަނީ ބާރު އަޅުއްވައިފައެވެ. ޢަބްދުއްރަޙްމާނު ބުން ޢައުފަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “ހަމައެކަނި ކަންބަޅިއެއް ކަތިލައިގެން ވިޔަސް (ކައިވެނީގެ މުނާސަބަތުގައި) ކެއުމެއް ބާއްވާށެވެ.” (صحيح البخاري (2048)) އަދި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޞަފިއްޔާ رضي الله عنها އާ ކައިވެނިބައްލަވައިގެންނެވިއިރު އެއަށްވުރެ އާދައިގެ ގޮތަކަށް އެކަލޭގެފާނު ކެއުން ތައްޔާރުކުރެއްވިއެވެ. (ބައްލަވާ: صحيح البخاري (371))
ކައިވެނިކުރުމަށް ފަހު ކެއުމެއް ބޭއްވުމުގެ ޙިކުމަތަކީ ކައިވެނި އިޢުލާނުކުރުމެވެ. އަދި ކައިވެންޏާ ޒިނޭއާ ތަފާތުކުރުމެވެ. އެހެނީ ކައިވެންޏަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމެކެވެ. އަދި ޒިނޭއަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ. ކައިވެނި ކުރަންޖެހެނީ ފާޅުގައި ވަލީވެރިޔާގެ ރުހުމާ އެކު ހެކިވެރިންގެ ހާޒިރުގައެވެ. އެއާ ޚިލާފަށް ޒިނޭކުރާ މީހުން ގިނަ ފަހަރަށް އެކަން ކުރަނީ އޮޅުވައިލައިގެން ވަގަށެވެ.
ކައިވެނީގެ މުނާސަބަތުގައި ޙަފްލާ ބާއްވާއިރު އެ މީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެކަން ކުރާށެވެ. އަދި މުޖުތަމަޢުގައި ވަކި މީހަކު ވަކި ގޮތަކަށް ކައިވެނި ޙަފްލާ ބޭއްވުމުން އެ ގޮތަށް ނުވަތަ އެއަށްވުރެ މޮޅުކޮށް އެކަން ކުރަން މަސައްކަތް ނުކުރާށެވެ. އަދި ކައިވެންޏަކީ އެކަކު އަނެކެއްގެ މައްޗަށް ފަޚުރުވެރިވުމަށް ބޭނުންކުރާ މައިދާނަކަށް ނުހަދާށެވެ. އަދި އެކަމުގައި އިސްރާފުކުރުމުން ދުރުހެލިވާށެވެ. الله تعالى ވަޙީކުރެއްވިއެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ (سورة الأعراف: ٣١) މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެއިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.” އެ ގޮތުން އެ މީހަކު ކައިވެނި ޙަފްލާގައި ލާ ހެދުމާއި ޙަފްލާ ބާއްވާ ތަނާއި ތައްޔާރުކުރާ ކާނާ އަދި އެނޫނަސް ކައިވެންޏާ ގުޅިފައިވާ ކަންކަމުގައި އިސްރާފުކުރުމުން ދުރުހެލިވާށެވެ. އަދި އިސްލާމްދީނުގައި ޙަރާމްކަމަށް ކަނޑައަޅުއްވައިފައިވާ ލަވަޔާއި މިޔުޒިކު އެފަދަ ޙަފްލާތަކުގައި ބޭނުންނުކުރާށެވެ. އަދި ދެ ޖިންސުގެ މީހުން މަސްހުނިވުމުން އެއްކިބާވާށެވެ. އަދި ކާފިރުންގެ ގޮތްތަކަށް އެފަދަ ޙަފްލާތައް ކުރިއަށް ނުގެންދާށެވެ.
ކައިވެނީގެ ރަން ދިނުމުގައި ވެސް ބޮޑެތި ޢަދަދުތައް ކަނޑަނާޅާށެވެ. ފަހެ މިފަދަ ކަންކަމުގައި ޚަރަދުބޮޑުކުރުމަކީ ކައިވެނިކުރާ އުމުރު ފަސްވެ، މުޖުތަމަޢުގައި އަޚްލާޤީ އެތައް މައްސަލަތަކެއް ކުރިމަތިވެގެން ދާނެ ކަމެކެވެ. އަދި މި ކަމުގައި އަޅުގަނޑުމެންގެ ވަށައިގެންވާ އިސްލާމީ ޤައުމުތަކުން ޢިބުރަތް ޙާޞިލުކުރުން ހުށްޓެވެ. ބައެއް ޢަރަބި ޤައުމުތަކުގައި ކައިވެންޏަށް ކުރާ ޚަރަދާއި އިސްރާފު ގިނަވެ ކައިވެނިކުރުމަށް ޓަކައި ބައެއް މީހުން ނަގާ ދަރަނި، އެ ކައިވެނިން ލިބޭ ދަރީން މަތީ ތަޢުލީމު ޙާޞިލުކޮށް ނިމޭއިރު ވެސް އަދާ ނުކުރެވެއެވެ. ދުޢާއަކީ، އެފަދަ ނުރައްކާތެރި ޙާލަތުތަކުން އަޅަމެން ސަލާމަތްކޮށްދެއްވުމެވެ. އަދި الله تعالى ރުއްސަވާ ފަދަ ޢަމަލުތަކެއް ކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމެވެ! އާމީން.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَيْخ عِمْرَان مُحَمَّد عَلِي