ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކޮށް ކްރޮއޭޝިޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. 90 މިނެޓު ހަމަވިއިރު ކްރޮއޭޝިޔާއަށް ބްރެޒިލްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވެއެވެ. އެޓީމުން މަސައްކަތްކުރީ ބައިކޮޅަށް ގޯލެއް ވަނަނުދީ ޑިފެންސިވް ކުޅުމަކަށް ފަހު ލިބޭ ފުރުސަތެއްގައި ލަނޑު ޖެހުމަށެވެ. ނަމަވެސް ބްރެޒިލްއިން މުޅި ޓީމު ކުރިއަށް ޖައްސައިގެން ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗްއެވެ. ނޭމާ ފޮނުވާލި ދެހަމަލައާއި ލުކަސް ޕަކޭޓާ ޖެހި ދެބޯޅަވެސް ދިފާއުކުރީ ލިވަކޯވިޗްއެވެ.
ބްރެޒިލް ލީޑު ނެގީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޓީމުގެ ތަރި ނޭމާ ޖެހި ލަނޑުންނެވެ. ހިތްގައިމު ވަންޓޫ ޕާސްތަކެއް ޖައްސާލުމަށްފަހު ނޭމާ ލަނޑު ޖެހީ ކީޕަރު ކައިރިން ނައްޓާފައެވެ. މި ލަނޑާއެކު އޭޭނާ ވަނީ ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕެލޭ އާއި އަރާ ހަމަކޮށްފައެވެ. ނޭމާ އަދި ޕެލޭވެސް ވަނީ ބްރެޒިލް ޓީމަށް 77 ލަނޑު ޖަހައިދީފައެވެ.
ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކްރޮއޭޝިޔާއިން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. އޯސިޗް ދިން ޕާހެއްގެ ބޭނުންހިފާ ކްރޮއޭޝިޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ ބްރޫނޯ ޕެޓްކޯވިޗްއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސްގެ ފައިގައިޖެހި މިސްރާބު ބަދަލުވެގެންނެވެ.
އިތުރު ވަގުތު ނިމުނު އިރުވެސް ނަތީޖާ އެއްވަރުވުމުން ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިޔާގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، ބްރެޒިލްގެ ރޮޑްރީގޯ އަދި މާކީނިއޯސް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ބްރެޒިލްއަށް ކާމިޔާބުވީ ޕެޑްރޯ އަދި ކަސެމީރޯ ޖެހި ޕެނަލްޓީއެވެ. ކްރޮއޭޝިޔާގެ ޕެނަލްޓީތައްޖެހީ ނިކޯލާ ވްލަސިޗް، ލޮވްރޯ މާޔާ، ލުކަ މޮޑްރިޗް އަދި މިސްލަވް އޯސިޗްއެވެ.
މިއީ ބްރެޒިލް އާއި ކްރޮއޭޝިޔާ ބައްދަލުކުރި ފަސްވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބްރެޒިލް ވަނީ މޮޅުވެފައެވެ. 2005 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު އެއްވަރުވިއިރު، އޭގެ ފަހުން ވޯލްޑް ކަޕްގައި ބައްދަލުކުރި ދެމެޗާއި ރަހުމަތްތެރިކަމުގެ މެޗު ބްރެޒިލްއިން ވަނީ ކާމިޔާބުކޮށްފައެވެ.