ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޖެހި ދެލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ. މީގެ ކުރިން މި ރެކޯޑޫ އޮންނަނީ މުބާރާތުގައި 10 ލަނޑުޖަހާފައިވާ އާޖެންޓިނާގެ ފުޓްބޯޅަ ލެޖެންޑް ގަބްރިއެލް ބަޓިސްޓޫޓާ އަތުގައެވެ. ނަމަވެސް މި މެޗުގަި ޖެހި ދެލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 11 ލަނޑު އާޖެންޓީނާއަށް ޖަހައިދީފައެވެ.
ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދިން ހިތްގައިމު ޕާހެއް ގޯލަށް ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ނަހުއެލް މޮލީނާއެވެ. ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ޓީމުގެ ތަރި މެސީއެވެ. މިއީ ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް ނެދަލެންޑްސްއިން ވަނީ މެޗުގެ ފަހު ވަގުތުގައި ދެލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ނެދަލެންޑްސްގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވޯޓް ވޭހޯސްޓްއެވެ. ފުރަތަމަ ލަނޑަކީ ސްޓީވެން ބާހޯސް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ވޭހޯސްޓްގެ ދެވަނަ ލަނޑުޖަހާ ނަތީޖާ ހަމަހަމަކުރީ ހިލޭ ޖެހުމެއްގައި ކޫޕްމެނާސް ދިން ޕާހެއްގެ ބޭނުން ހިފައިގެންނެވެ.
ފޯރިގަދަކޮށް ދިޔަ މި މެޗަކީ މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ކާޑު ދެއްކި މެޗެވެ. މި މެޗުގައި ޖުމްލަ 15 ރީންދޫ ކާޑު ދައްކާފައިވެއެވެ.
ކޮންމެ ޓީމަކުންވެސް ދެލަނޑުޖަހާ އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފު ނިމުނީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ. ދެޓީމަށްވެސް އިތުރު ވަގުތުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނެވެ. އެހެންކަމުން ސެމީ ފައިނަލަށް ދަތުރުކުރާ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.
އާޖެންޓީނާ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އާޖެންޓީނާގެ މެސީ، ލިއެންޑްރޯ ޕަރޭޑެސް، ގޮންޒާލޯ މޮންޓިއެލް އަދި ލައުޓާރޯ މާޓިނޭޒް ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓި ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކް އާއި ބާހޯސް ޖެހި ޕެންލަޓީ ދިފާއުކުރީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ. އޭގެ ފަހުން ޓޫޕްމެނާސް، ވޭހޯސްޓް އަދި ޑިޔޯންގ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.
ސެމީ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ރަނައަޕް ކްރޮއޭޝިޔާއާއެވެ.