އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކައިވެނިކުރަން އުޅޭއިރާއި ކައިވެނީގެ ކުރީކޮޅު ހަށިފުރާނައިން އެކަކު އަނެކަކަށް ޤުރުބާންވުމަށް ވެސް ތިބެނީ ތައްޔާރަށެވެ. އެކަމަކު، ދެތިން އަހަރުވުމުން، އެއްކަލަ ލޯބި ހަތުރުވެރިކަމަށް ބަދަލުވެގެން ދާތަން އެބަ ފެނެއެވެ. އެކަކު އަނެކަކަށް ފާޑު ކިޔުމާއި ނުރުހުމުގެ ނަޒަރުން ބަލާންފަށާތަން އެބަ ފެނެއެވެ. ބައެއް ކައިވެނިތައް ރޫޅޭ އިރު އަނެއް ބައިމީހުން ދަރީންނަށް ޓަކައި ތިބެނީއެވެ.
ލޯބި އާލާކުރުމަށް ދަސްނުކުރާ ނަމަ ކޮންމެ ގުޅުމެއްގެ ވެސް ހާލަކީ ހަމަ މިއީއެވެ. އެހެންކަމުން، މިއީ ޙައްލު ހޯދުން މުހިންމު ކަމެކެވެ. ޝަރުޢީ ގޮތުން މިކަމާ މެދު ޢަމަލުކުރަންވީ ގޮތް ބަލައިލުމަކީ ކޮންމެ މުސްލިމަކު ވެސް ކުރާން ޖެހޭ ކަމެކެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ (النساء: ١٩) މާނައީ: “އަދި، ހެޔޮގޮތުގައި އެކަނބަލުންނާ އެކު އުޅޭށެވެ!” އަނބީންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނުގައި މި ވަނީ އަންގަވައިފައެވެ. އަދިވެސް ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކޮށްދޭން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށް ވެސް ޙައްޤުވެގެން ވެއެވެ.” (އަލްބަޤަރާ: 228) އާދެ! ކައިވެނީގެ ގުޅުމަކީ އެ ގުޅުން ދެމެހުއްޓުމަށް ޓަކައި ދެ މީހުން ވެސް ހަމަހަމަ މަސައްކަތްތަކެއް ކުރާންޖެހޭ ގުޅުމެކެވެ.
އަނބީންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް ހިތްވަރުދެއްވައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. “خَيْرُكُمْ خَيْرُكُمْ لِأَهْلِهِ” (مسلم) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެ މީހެއްގެ އަނބިދަރީންނަށް އެންމެ ހެޔޮ މީހާއެވެ.” އަދިވެސް އެކަލޭގެފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “މުއުމިނު ފިރިހެނަކު (ފިރިމީހާ) މުއުމިނު އަންހެނެއް ދެކެ(އަނބިމީހާ ދެކެ) ނުރުހުން ނުވާށެވެ. ތިބާ ހިތްނުރުހޭ ކަމެއް އޭނާގެ ކިބައިން ފެނިއްޖެ ނަމަ، ތިބާ ހިތްރުހޭ ކަމެއް ވެސް އޭނާގެ ކިބައިންފެންނާނެއެވެ.” (مسلم) ވިސްނަވައިލައްވާށެވެ! ކޮންމެ މީހެއްގެ ވެސް ހެވާއި ނުބައި ހުންނާނެއެވެ. އަނބިމީހާގެ ފުށުން އޭނާގެ ހެޔޮ ކަންކަން ދެނެގަންނާން މަސައްކަތްކުރާށެވެ.
އެކަކު އަނެކަކުގެ ލޯބި އިތުރުކުރުމަށް މަސައްކަތްކުރާ ބަޔަކަށް ފެންނާން އޮތް އެންމެ ފުރިހަމަ ނަމޫނާއަކީ އަޅުގަނޑުމެންގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެވެ. އެކަލޭގެފާނުގެ އަނބީންގެ އިހުސާސްތަކަށް ބައްލަވައި އެ ވަގުތަކާ ގުޅޭގޮތަށް ވާހަކަފުޅު ދައްކަވައި ލޯބިކުރައްވައި ހައްދަވައެވެ. އެކަނބަލުންނާ އެކު ހީސަމާސާކުރައްވައެވެ. ޢާއިޝާ رضي الله عنها އާ އެކު ވާދަކުރައްވައި ދުވެވަޑައިގެންނެވި ވާހަކައަކީ ސިޔަރަތުގައި މަޝްހޫރު ވާހަކައެއް ނޫންތޯއެވެ؟ ހަމައެހެންމެ، އަނބީންގެ ޢާއިލާތަކަށް ހެޔޮކޮށް ހިތުމުގައި އެކަލޭގެފާނަކީ ނަމޫނާއެކެވެ. އޭގެ އިތުރުން، އަނބީންގެ މެދުގައި ހަމަހަމަކަން ބެހެއްޓެވުމުގައި ވެސް އެކަލޭގެފާނަކީ ލާމަސީލުމިސާލެކެވެ. އަދި ގޭތެރޭގެ ކަންކަމުގައި ވެސް އަވަދިނެތި އެކަލޭގެފާނު އުޅުއްވިއެވެ.
މީސްތަކުންގެ ތެރޭ އެކަލޭގެފާނު އިންނަވަނިކޮށް އެއްދުވަހެއްގައި ސުވާލު ދެންނެވުނެވެ. “ކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވަނީ ކޮން ބޭކަނބަލަކު ދެކެތޯއެވެ؟” އެއީ “ޢާއިޝާ رضي الله عنها ކަމުގައި ޙަދީޘްކުރެއްވިއެވެ.” އާންމު ތަނެއްގައި އިންނަވައިފައި ވެސް އެފަދައިން ޙަދީޘްކުރައްވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވައެވެ. އެކަމަކު، އަޅުގަނޑުމެންގެ ތެރެއިން ބައެއް ދެމަފިރިން އެކަނި ހޭދަކުރާ ވަގުތުތަކުގައި ވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ބުނެނުލައި ތިބެނީ ކީއްވެގެންބާއެވެ؟
ލޯބި އާލާކުރާނޭ ގޮތްތަށް ދަސްކުރައްވާށެވެ. ހަދިޔާ ދިނުމާ، ލޯބީގެ ބަސްތައް ބުނުމާ، ގޭތެރޭގެ ކަންކަމުގައި އެހީވުމާ، ރަނގަޅު “ކޮލިޓީ” ވަގުތު އެކުގައި ހޭދަކުރުން ފަދަ ކަންކަމަށް އިސްކަންދެއްވާށެވެ. ﷲ ގެ އިރާދަފުޅުން ޒަވާޖީ ޙަޔާތް ބާއްޖަވެރިވެގެން އަންނާނެއެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد