ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފި އިންގްލެންޑް މުބާރާތުން ކެޓިއިރު، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއިންނެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފްރާންސް ޓީމުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ފްރާންސަށް ލީޑު ނަގައިދިނީ އޮއޭލިއަން ޗުއަމެނީއެވެ. ނަމަވެސް ދެވަނަ ހާފުގައި އިންގްލެންޑުން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.
އޭގެ ފަހުން އިންގްލެންޑުގެ ހެރީ މެގުއާ ބޮލުން ޖަހާ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ފްރާންސުން ދެވަނަ ފަހަރަށް ލީޑު ނެގީ އޮލިވިއޭ ޖިރޫޑަށް ލިބުނު ދެފުރުސަތު ބޭކާރުވި ފަހުންނެވެ. ޖިރޫޑް ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައިރު އޭރިއާތެރެއިން ފޮނުވާލި ބޯޅަ މަތަކުރީ އިންގްލެންޑުގެ ކީޕަރު ޕިކްފޯޑެވެ. ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޖިރޫޑެވެ. އެއީ ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންގްލެންޑުގެ ކޭންއަށެވެ. ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީވެސް ފޮނުވާލީ އޭނާއެވެ. ނަމަވެސް އެބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފަހު ވަގުތުގައި ލިބުނު ހިލޭ ޖެހުމެއް މާކަސް ރަޝްފޯޑް ފޮނުވާލި ނަމަވެސް ގޯލާއި އަމާޒުނުވިއެވެ.
މީގެ ކުރިން މިދެޓީމު ވަނީ 31 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 17 ފަހަރު އިންގްލެންޑް މޮޅުވިއިރު ފަސް މެޗެއް ވަނީ އެއްވަރު ވެފައެވެ. ފްރާންސް މޮޅުވީ ނުވަ މެޗުންނެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެޓީމު ބައްދަލުކުރީ ދެ ފަހަރުއެވެ. 1966 އަދި 1982 ގައި ކުޅުނު މި ދެމެޗުވެސް ކާމިޔާބުކުރީ އިނގިރޭސީންނެވެ.
މިހާތަނަށް ވޯލްޑް ކަޕްގެ މެޗެއްގައި ފުރަތަމަ ހާފުގައި ބަލިވެގެން ނިމުނު މެޗަކުން އިންގްލެންޑް މޮޅުވެފައެއް ނުވެއެވެ. ސެމީ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ މޮރޯކޯއާއެވެ.