އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އައު ޝިޔާރު “އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް / ޓުގެދަރ – އެގެއިންސްޓް ކޮރަޕްޝަން” އިފްތިތާޙްކޮށްފިއެވެ. މި ޝިޔާރު އިފްތިތާޙުކޮށްފައިވަނީ މިއަދު އޮޑިޓަރ ޖެނެރަލް އޮފީހުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސްކަން ކުރިން ކުރައްވާފައިވާ މުޙައްމަދު ޝަފީޢުއެވެ.
މިޝިއާރުގެ މަޤްޞަދަކީ ފަސާދައާ ދެކޮޅަށް ކޮމިޝަނުން ކުރާ އުނދަގޫ ބުރަ މަސައްކަތުގައި މުޅި މުޖުތަމަޢު އެކަތިގަނޑަކަށްވެ، އެކައްޗެއް ކިޔައި އެންމެން ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމަށް ބާރުއެޅުން ކަމަށް އެކޮމިޝަނުން ބުނެއެވެ. މިޝިއާރު ކުރިއަށް އޮތްތަނުގައި ކޮމިޝަނުން ބާއްވާ އެކި ހަރަކާތްތަކުގައި ބޭނުން ކުރަމުންގެންދާނެކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީން މިއަދު އައު ޝިއާރެއް އިފްތިތާޙްކޮށްފައިވާއިރު، މީގެ ކުރިން ކޮމިޝަނުން މިގޮތަށް ބޭނުން ކޮށްފައިވާ ޝިއާރުތައް ވެގެން ގޮސްފައިވަނީ ކޮމިޝަނުން ދޭން ބޭނުންވާ މެސެޖް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ފަސޭހަވެގެން ދިޔަ ޝިއާރެއްގެ ގޮތުގައި ކަމަށާއި، އެގޮތުން މިފަހަރުގެ ޝިއާރަކީވެސް ކޮމިޝަނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ ޝިއާރެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މިޝިޔާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރު ޝަޒްނާ ޙާޝިމް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަންގެ ސަބަބުން ލިބިގެންދާ ގެއްލުން ފާހަގަކުރައްވައި ކޮމިޝަނުގެ އައު ޝިޔާރުގައިވާ ފަދައިން އަޅުގަނޑުމެންގެ މި ކުޑަ ޤައުމުގައި “އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް” މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ހުއްޓުވުމަށް އޭސިސީން ކުރަމުންދާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތަކެއް އެބަހުރިކަމަށާއި ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވެ ކުރިއެރުންތަކެއް ލިބޭނީ އެންމެން ގުޅި އެކަތި ގަޑަކަށް ވެގެންކަމަށާއި، މިކަމުގައި ހުރިހާ މުއައްސަސާ ތަކާއި އެތަންތަނުން ޚިދުމަތް ހޯދާ ފަރުދުންގެ ޒިންމާވެސް ބޮޑުކަން މެންބަރު ޝަޒްނާ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އޭސީސީގެ ކުރީގެ ރައީސް މުޙައްމަދު ޝަފީޢު ވިދާޅުވީ، ކޮމިޝަނުގެ އައު ޝިޔާރު “އެންމެން އެކުގައި – ކޮރަޕްޝަނާ ދެކޮޅަށް” މި ޝިޔާރަކީ ނުހަނު މުހިއްމު، އެންމެން ޝާމިލްވާ މޮޅު އަދި މުނާސަބު ޝިޔާރެއްކަމަށެވެ.
އައު ޝިޔާރު އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ކޮމިޝަނަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބައެއް މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.