ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓާޕްލޭން މިއަދު ލޯންޗުކޮށްފިއެވެ.
ތިލަފުށި މާސްޓާ ޕްލޭން އިފްތިތާހް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
އެޗްޑީސީ ބުނީ ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތަށް ހިނގުމުގަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާ ހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް އާއްމުވެފައިވާ ކަމަށެވެ.
އެހެންކަމުން، އެފަދަ ކަންކަން ތަކުރާރުނުކޮށް އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު އެކަމަށް ޙާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުން މުހިއްމު ކަމަކަށް ވެފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެގޮތުން ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށް ކަމަށް އެ ކޯޕަރޭޝަން އިން ބުންޏެވެ. އެތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަރފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާނެ ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން، އެކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.