މާލެ ހިޔާ ސިނަމާލެ ސަރަހައްދުގައި 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މި މަޝްރޫއުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.
މި ޖަލްސާގައި މޭޔަރު މުއިއްޒު ވިދާޅުވީ، މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލުން ފެށުމަށް ނިންމި ނަމަވެސް، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެންހުރި މަރުހަލާތަކަށް ފަސޭހަ ވެގެންދާނީ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުމުން ކަމަށެވެ.
މޭޔަރު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުން އަވަސް ކުރުމަށް ޕްލޭނިން މިނިސްޓްރީއަށް އަދިވެސް ދަންނަވާނެ ކަމަށެވެ.
ސިނަމާލެ ފްލެޓް މަޝްރޫއަކީ މާލެ ސިޓީ ކައުންސިލްގެ މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ހައުސިން ޔުނިޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.
އެގޮތުން މާލެ ހިޔާ ސިނަމާލެ ސަރަހައްދު އެއްކޮށް ތަރައްގީކޮށް ނިމޭއިރު 1300 ހައުސިން ޔުނިޓް އަޅާނިމޭނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ. މި ފްލެޓްތަކުގެ ތެރެއިން 60 އިންސައްތަ އަކީ ސޯޝަލް ހައުސިން އެވެ. އަދި 40 އިންސައްތަ އަކީ މެދު ފަންތީގެ ބޯހިޔާވަހިކަމެވެ