ވާރލްޑް ކަޕް ފޯރިއާއި ސަލީބު!

ފަހުގެ ދީން

ﷲ سبحانه وتعالى މުޅި ކައުނު ޚަލްޤުކުރެއްވީ އެއިލާހުގެ އެއްކައުވަންތަކަން ޤާއިމުކުރެއްވުމަށް ޓަކައެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް، އިންސީންނާއި ޖިންނީން ހިމެނޭހެން އެ ކަލާނގެ ޚަލްޤުކުރެއްވީ މި މާތް މަޤްޞަދަށް ޓަކައެވެ. އެ ކަން މާތް ﷲ ވަނީ އައްޛާރިޔާތު ސޫރަތުގެ 56ވަނަ އާޔަތުގައި ބަޔާންކުރައްވައިފައެވެ. އެއިލާހު ވަޙީކުރައްވަނީ، ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ (الذاريات: ٥٦)‏ މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ.”

އާދެ، ވާރލްޑް ކަޕްގެ ފޯރި މިހާ ގަދަވެފައިވާ ދުވަސްވަރެއްގައި މިއީ އަލިއަޅުވައިލުން ކޮންމެހެން މުހިންމު މައުޟޫޢެއް ކަމަށް ވިސްނެއެވެ. އެހެނީ،ބައެއް ޤައުމުތަކުގެ ޖޯޒީގައިވާ ލޯގޯތަކުގައި ތައުޙީދުގެ ޢަޤީދާއާ ފުށުއަރާ ފަދަ ޝިރުކުގެ ރަމްޒުތައް ހުންނަކަން އެއީ ޝައްކެއް ވަހުމެއް އޮތް ކަމެއް ނޫނެވެ. ޚާއްޞަކޮށް ނަޞާރާދީނަށް ތަބާވާ ޤައުމުތަކުގެ ލޯގޯތަކުގައި އެކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެ ބައެއްގެ ލޯގޯގައި ހުންނާނީ އެ ބައެއްގެ އާދަކާދައާއި ދީނާއި ޤައުމު ރަމްޒުކޮށްދޭ ކަންކަމެވެ. އެއީ އެކަން އޮންނާނޭ ގޮތެވެ. އެހެނަސް، މި ވާހަކަ ދައްކާން މި ޖެހެނީ، އަޅުގަނޑުމެން މުސްލިމުން ވާރލްޑް ކަޕްގެ ފޯރީގައި އެފަދަ ޖޯޒީތައް ލައިގެން އެ ޓީމުތަކަށް ސަޕޯރޓުކުރާތީއެވެ. އަޅުގަނޑުމެންނަކީ ތައުޙީދުގެ އަހުލުވެރީންނެވެ. މާތް ﷲ ގެ ރަޙްމަތްފުޅުން އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި މާތް ނިޢުމަތުގެ ވެރީންނެވެ. އެއީ އިސްލާމްކަމުގެ ނިޢުމަތެވެ. އީމާންކަމުގެ ނިޢުމަތެވެ. ތައުޙީދުގެ ނިޢުމަތެވެ. ވުމާއެކު، ތައުޙީދާ ފުށުއަރާ ކަންކަމާއި ޢަމަލުތަކުން އަޅުގަނޑުމެން ދުރުވެގެން ނޫނީ އަޅުގަނޑުމެންގެ މި އިސްލާމްކަމެއް، އީމާންކަމެއް ރައްކައުތެރިއެއް ނުކުރެވޭނެއެވެ. މުވައްޙިދުންނަށް އަޅުގަނޑުމެން ވަނީ މާތް ﷲ އެއްކައުވަންތަކުރާން ޖެހޭ ހުރިހާ ގޮތަކަށް އަޅުގަނޑުމެން އެ ކަން ކުރުމުންނެވެ. އަދި އެ ތައުޙީދު ނަފީކުރާ ހުރިހާ ކަމަކުންނާއި ޝިރުކުގެ ރަމްޒުތަކުން ދުރުވެ ތިބެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ލޯގޯގައި ސަލީބު ޖެހި ޖޯޒީލުމަކީ މި ދެންނެވި ތައުޙީދުން ލާޒިމުކުރާ ކަންކަން ނަފީވެގެންދާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި އުޚްތުން އެފަދަ ޖޯޒީތައް ލައި އުޅެނީ އޭގައި ހުންނަނީ ސަލީބު ޖެހި ލޯގޯތަކެއްކަން ނޭނގޭތީކަން ކަށަވަރެވެ. އަދި ބައެއް އަޚުންނާއި އުޚްތުންނަށް އެއީ ސަލީބު ޖެހި ލޯގޯތަކެއް ކަމަށް ބުންޏަސް އެކަން ގަބޫލެއް ނުކުރެވެއެވެ. އެއީ ސަލީބަކާ ވައްތަރުވާތީ އެކަން އަޅުގަނޑުމެން ބޮޑުކުރަނީކަމަށް ބައެއް އަޚުންނާއި އުޚްތުންނަށް ވިސްނިފައި އޮންނާތީ ކަމަށް ވެދާނެއެވެ.

ޙަޤީޤަތަކީ އެއެއް ނޫނެވެ. އެއްޗެއް ސަލީބަކާ ވައްތަރުވުމާއި، އެ އެއްޗެއް ސަލީބަކަށް ވުން އެއީ މުޅީން ތަފާތު ދެ ކަމެކެވެ. އެއްޗެއް ސަލީބަކާ ވައްތަރުވުމަކީ އެ އެއްޗެއް ގެންގުޅުން ޙަރާމްވާނޭ ކަމެއް ނޫނެވެ. އެހެނަސް، އެ އެއްޗަކީ ނަޞާރާއިން އަޅުކަން ކުރާން ބޭނުންކުރާ ސަލީބު ކަމަށް ވެފައި، އެ އެއްޗަކީ އެ ސަލީބު ރަމްޒުކޮށްދޭން ހަދައިފައިވާ އެއްޗަކަށް ވެއްޖެއްޔާ، އެ އެއްޗެއް ބޭނުންކުރުން ހުއްދަވާނޭ އެއްވެސް ގޮތެއް ނެތެވެ. އެ އެއްޗަކީ ސަލީބުކަން އެނގިހުރެ ބޭނުންކުރާ މީހަކު ދީނުން ބޭރުވެދާނެއެވެ. އެހެނީ، އެއީ ކުރީން ދެންނެވި ފަދައިން، ތައުޙީދު ނަފީކޮށްލާ ކަމަކަށް ވާތީއެވެ. ތައުޙީދުން މުސްލިމުންނަށް ލާޒިމުކުރަނީ ޝިރުކާއި ޝިރުކަށް ވާސިލުވެދާނޭ ހުރިހައި ކަމަކުންނާއި މަގަކުން ދުރުވެ ރައްކައުތެރިވެގެން ތިބުމެވެ. ޝިރުކާއި ޝިރުކުގެ ރަމްޒުތައް ފާޅުކުރުމަކީ ކަނޑައެޅިގެން ތައުޙީދު ނަފީކުރާ ފަދަ ޢަމަލެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ شَفِيْعُ عَبْدُ الله

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ