ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ޚިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އޮތެންޓިކޭޓަރ އެޕަކީ ސްމާރޓް ފޯނާއި ޓެބްލެޓްގައި ހާއްސަ، އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓަރ އެޕް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެކަމަށާއި، ކޮންމެ ކަސްޓަމަރަކަށްވެސް ޚާއްސަވާނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަރ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަރ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓަރވެސް ހިމެނޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައްކުރަމުންކަމަށެވެ. އެގޮތުން އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
“ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ.” ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ މިމަހުގެ 20 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެކަމަށެވެ. އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.