ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ. އެއީ އިންސާނުން ޖާހިލިއްޔަތުގެ އަނދިރިކަމުން އީމާނުގެ އަލިކަމަށް ނެރެދިން އިލާހީ ނޫރެވެ. އެއްކައުވަންތަކަމުގެ ދޯދިތަކުން އަލިވިލޭންފެށީ ނޫރު ފަރުބަދައިގެ ހިރާ ހޮހޮޅައިންނެވެ.
މީލާދީ ސަނަތުން 610ވަނަ އަހަރުގެ ރޭތަކުގެ ތެރެއިން ރެއެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އިންނެވީ 634 މީޓަރު މަތީގައި، ހިރާ ހޮހޮޅައިގައެވެ. އެއީ އޭރު މައްކާގެ މީހުން ދިރިއުޅުނު ސަރަހައްދާއި 4 ކިލޯމީޓަރު ދުރުގައި ހުރި ހޮހޮޅައެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم މާތް ﷲ ގެ ކުޅަދުންވަންތަކަމާ މެދު ވިސްނައި ފިކުރުކުރައްވަނީއެވެ. މިހެން އިންނަވަނިކޮށް 600 ވަރަފުޅު ލިބިވަޑައިގެންވާ ބިޔަ މަޚްލޫޤެއް މުޅި އުދަރެސް ބައްދަވައިލައްވައިފިއެވެ. އެ ވަރަފުޅުތަކުން މުތާއި އަލިމަހުގެ ވިދުމުން އަރާ ފަދަ ކުލަތައް އަރަމުން ދިޔައެވެ. އާދަޔާޚިލާފު އެ މަޚްލޫޤަކީ ޖިބްރީލް عليه السلام އެވެ.
އުޑުތަކުގެ އަމީން، ޖިބްރީލް عليه السلام ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ހަށިކޮޅުގައި ބާރަށް ބައްދަވައި ފިއްތަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. (اقرأ) “ކިޔަވާ ވިދާޅުވާށެވެ.” އެހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. (مَا أَنَا بِقَارِئ) “ތިމަންކަލޭގެފާނީ ކިޔަވައި ވިދާޅުވާން ދެނެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނީމެވެ.” އަނެއްކާ އެއަށް ވުރެ ބާރަށް ބައްދަވައި ފިއްތަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. (اقرأ)، “ކިޔަވައި ވިދާޅުވާށެވެ.” އެހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. (ما أَنَا بِقَارِئ)، “ތިމަންކަލޭގެފާނީ ކިޔަވައި ވިދާޅުވާން ދެނެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނީމެވެ.” ތިންވަނަ ފަހަރު ވެސް ޖިބްރީލް عليه السلام ވިދާޅުވިއެވެ. (اقرأ)، “ކިޔަވައި ވިދާޅުވާށެވެ.” އެހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. (مَا أَنَا بِقَارِئ) “ތިމަންކަލޭގެފާނީ ކިޔަވައި ވިދާޅުވާން ދެނެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނީމެވެ.” އެހިނދު ޖިބްރީލްގެފާނު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އަށް މާތް ﷲގެ ވަޙީ ބަސްފުޅު ފޯރުކޮށްދެއްވިއެވެ. ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (١) خَلَقَ الْإِنسَانَ مِنْ عَلَقٍ(٢) اقْرَأْ وَرَبُّكَ الْأَكْرَمُ(٣) الَّذِي عَلَّمَ بِالْقَلَمِ(٤) عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ (٥)﴾ (سورة العلق) މާނައީ: “(1)ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (2)ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (3)ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (4)އެކަލާނގެއީ، (ގަލަމުން) ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (5)އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.”
މިއީ ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާއްވައިލެއްވުނު އާޔަތްތަކެވެ. މި އާޔަތްތަކުން އެނގޭ ގޮތުގައި މާތް ﷲ އިންސާނުންނަށް ދެ ބާވަތެއްގެ ޢިލްމު ދެއްވިއެވެ. އެންމެ ފުރަތަމަ އާޔަތުގައި އެ ވަނީ އިސްލާމީ އަޤީދާއާއި ޝަރީޢަތުގެ ޢިލްމުގެ ވާހަކައެވެ. ތިންވަނަ އާޔަތާއި ހަތަރުވަނަ އާޔަތުގައި ދުނިޔެވީ ޢިލްމުތަކަށް އިޝާރާތްކުރެވޭ ކަމުގައި ބައެއް މުފައްސިރުން ވިދާޅުވެއެވެ. ޢިލްމުގެ މި ދެ ބާވަތުގައި ސަލަފުއްޞާލިޙުން ކުރިއަރައި ގޮސް، އިންސާނީ ޙަޟާރަތުގެ ކުރިބޯއްޓަށް ވާޞިލުވިއެވެ. މިއީ މާތް ﷲ ގެ ވަޙީބަސްފުޅު ٱقۡرَأۡ ގެނެސްދެއްވި އަލިވިލުމެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ مَعُوْن شَرِيْف