އެޗްޑީސީގެ ބޮޑު އެހީއެއް މަމްސް ޖަމިއްޔާ އަށް

ޚަބަރު ފަހުގެ

މަމްސް އެންޖީއޯގެ ބޭނުންތަކަށް ހިޔާ ޓަވަރުން ޔުނިޓެއްދީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެ ޖަމީއްޔާ އެކު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި މަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑަރު ސިތުރާ މުހައްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގައި ސޮއިކޮށް އެއްޗީޑީސީން ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމައު ތެރޭގައި ފެނިގެން ދާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

މަމްސް އެންޖީއޯއާ އެކީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިޔާ ޓަވަރުން ޔުނިޓެއް އެ ޖަމީއްޔާއަށް ހިލޭ ދޭން ވަނީ އެއްބަސްވެފަ އެވެ. މިއީ އެޗްޑީސީގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރެވިފައިވާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ދީފައިވާ ޔުނިޓެއް ކަމަށް އެކުންފުނިން ބުނެއެވެ. މި ޔުނިޓް އެޗް8 ޓަވަރުގައި ހުންނައިރު މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއިއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން މަމްސް އެންޖީއޯ އަށް “ހޯޕް ފޮ މަމްސް” ކެމްޕޭންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއާހައުސް ސްޕޭސްއެއް ކަނޑައަޅައި ދިނުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދޭން އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ.

މި ކެމްޕޭންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މަމްސް އަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ ޖަމީއްޔާއެކެވެ. މި ޖަމީއްޔާގެ މައިގަނޑު މަގުސަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މި ޖަމިއްޔާގައި 39،000 އަށް ވުރެ ގިނަ މައިން ހަރަކާތްތެރިވެ އެވެ.

ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކިން ޙާއްސަކޮށް އެކަނިވެރި މައިން މުޖުތަމާޢުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ޖަމީއްޔާގެ ފަރާތުން ކުރިއަށް ގެންދެ އެވެ. އެގޮތުން ބެކް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ