ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ އާޖެންޓީނާއެވެ. އާޖެންޓީނާ އަށް މެޗުގެ 23 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. އެއީ ފްރާންސްގެ އޭރިޔާ ތެރެއިން އެންހެލް ޑިމާރިއާ އަށް ފްރާންސްގެ އޮސުމާން ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މެސީގެ މި ލަނޑާއެކު އޭނާ ވެގެންދިޔައީ އެއް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 އާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މިއީ 1986 ވަނަ އަހަރުގެ ފައިނަލްގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
އާޖެންޓީނާގެ ލީޑު ފުޅާކޮށްދިނީ ޑިމާރިއާއެވެ. އެއީ މެޗުގެ 36 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކަލިސްޓާ ހުރަސްކޮށްދިން ބޯޅައެއް ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސްގެ އަތް ދަށުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ 41 ވަނަ މިނެޓުގައު ފްރާންސް އިން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އޮލީވިއޭ ޖިރޫޑާއި ޑެެމްބެލޭ ބަދަލުގައި ކުޅެން ނިކުތީ ރަންޑަލް ކޮލޯ މުއާނީ އާއި މާކުސް ތުރަމް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފަށް ނިކުމެ ފްރާންސް އިން ވަނީ ކުޅުން ރަނގަޅުކޮށް، އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. މެޗުގައި އާޖެންޓީނާގެ ފުރަތަމަ ބަދަލު ފެނުނީ 64 ވަނަ މިނެޓުގައެވެ. ދެ ވަނަ ލަނޑު ޖަހައިދިން ޑިމާރިއާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ މާކޯސް އަކުނާއެވެ. އޭގެ ފަހުން ފްރާންސް އިން ވަނީ އިތުރު ދެ ބަދަލު ގެނެސްފައެވެ. އެއީ އެންޓޮއިން ގްރީޒްމަންގެ ބަދަލު ކިންގްސްލީ ކޯމަން އާއި ތިއޯ ހެނާންޑޭޒްގެ ބަދަލު އެޑުއާޑޯ ކަމަވިންގާ އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ފްރާންސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ އާޖެންޓީނާގެ އޮޓަމެންޑީ ފްރާންސްގެ ކޮލޯ މުއާނީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފްރާންސް އަށް ޕެނަލްޓީ ކާމިޔާބުކޮށް ދިނީ ކީލިއަން އެމްބާޕޭއެވެ. އޭގެ މިނެޓެއް ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ފްރާންސް އަސް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެ ވަނަ ހާފުގެ އިތުރަށް ވަގުތަށް ވަނީ އަށް މިނެޓު ދައްކާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު ވެސް 2-2 އިން އެއްވަރުވެގެންނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފަށް އާޖެންޓީނާ އިން ނިކުތީ ބަދަލަކާއެކުއެވެ. ނަހުއެލް މޮލީނާގެ ބަދަލުގައި ގޮންޒާލޯ މޮންޓިއެލް ވަނީ ކުޅެން އަރުވާފައެވެ. މެޗުގެ 96 ވަނަ މިނެޓުގައި އެޑްރިއަން ރާބިއޮޓްގެ ބަދަލުގައި ފްރާންސް އިން ވަނީ ޔޫސޮފާ ފޮފާނާ ކުޅެން އަރުވާފައެވެ. އޭގެ ފަހުން 101 ވަަބަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ދެ ބަދަލު ގެނެސްފައެވެ. ރޮޑްރީގޯ ޑި ޕައޯލްގެ ބަދަލުގައި ލިއާންޑްރޯ ޕަރޭޑްސް ކުޅެން ނިކުތްއިރު، ހޫލިއަން އަލްވަރޭޒްގެ ބަދަލުގައި ލައުޓާރޯ މާޓިނޭޒް ވަނީ ކުޅެން ނިކުމެފައެވެ.
މެޗުގައި ލީޑު ނެގުމަށް އާޖެންޓީނާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 109 ވަނަ މިނެޓުގައެވެ. ފްރާންސްގެ ކީޕަރު ލޮރިސްގެ ގައިގައި ޖެހިފައި ރީ ބައުންސަށް ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެން އާޖެންޓީނާ އަށް ލީޑު ނަގައިދިނީ މެސީއެވެ. މެޗުގެ 115 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ މަކަލަސްޓާގެ ބަދަލުގައި ޖާމަން ފަޒޭލާ ކުޅެން އަރުވާފައެވެ. އޭޭގެ މިނެޓެއް ފަހުން މޮންޓިއެލްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ފްރާންސް އަށް ޕެނަލްޓީއެއް ދީފައެވެ. ފްރާންސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެމްބާޕޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ.
އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖަހަން ލިބުނީ ފްރާންސް އަށެވެ.
ފްރާންސް އިން ޕެނަލްޓީ ޖަހަަން ފުރަތަމަ ދިޔައީ މެޗުގައި ހެޓްރިކް ހެދި އެމްބާޕޭ އެވެ. އެމްބާޕޭ ވަނީ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އާޖެންޓީނާގެ ފުރަތަަމަ ޕެނަލްޓީ ޖެހީ ކެޕްޓަން މެސީ އެވެ. މެސީ ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ކޯމަން ފޮނުވާލި ނަމަވެސް އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ ޕެނަލްޓީ މަތަކޮށްފައެވެ. އާޖެންޓީނާގެ ދެ ވަނަ ޕެނަލްޓީ ޕައުލޯ ޑިބާލާ ވަނީ ކާމިޔާބުކޮށްފައެވެ. ފްރާންސްގެ އައުރެލިން ޗުއަމިނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާގެ ތިން ވަނަ ޕެނަލްޓީ ޕަރޭޑަސް ވަނީ ކާމިޔާބުކޮށްފައެވެ. ފްރާންސްގެ ހަތަރު ވަނަ ޕެނަލްޓީ ކޯލޯ މުއާނީ ވަނީ ކާމިޔާބުކޮށްފައެވެ. އާޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ މޮންޓިއެލް ވަނީ ކާމިޔާބުކޮށް އާޖެންޓީނާ މެޗު މޮޅު ކޮށްދީފައެވެ.
އާޖެންޓީނާގެ މި ކާމިޔާބީ ޚާއްސަ ވަނީ ކެޕްޓަން މެސީ އަށެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.