ރާއްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމަށް، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް 80 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.
700 މިލިއަން ޔެން، ނުވަތަ 80 މިލިއަން ރުފިޔާގެ މި އެހީ ރާއްޖެއާއި ހަވާލުކުރުމުގެ އެއްބަސްވުން ޤާއިމުކޮށްފައިވަނީ، ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމަށްޓަކާއި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޚަލީލްއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް ޓަކެއީ ޝުންސްކޭއެވެެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް އަޙުމަދު ޚަލީލް ވިދާޅުވީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސްގެ މި ދަތުރުފުޅުގެތެރެއިން މުހިންމު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާކަމަށެވެ.
ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަކީ ތިމާވެށީގެ ދާއިރާއިން ސަރުކާރުގެ މުހިންމު ތަޞައްވުރާއި ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އަދިވެސް މި ދާއިރާ ތަރައްޤީކުރުމުގައި ގިނަ ގޮންޖެހުންތައް ހުރިކަމަށެވެ.
“ކުނި މެނޭޖްކުރުމުގެ ޤައުމީ ޕްލޭނެއް އެބައޮއް. ނަމަވެސް ކެޕޭސިޓީއާއި ވަސީލަތްތައް މަދުވުމުގެ ގޮންޖެހުން އެބައޮތް. މި އެހީގެ ސަބަބުން، ބޭނުންވާ ވަސީލަތް ހޯދާ ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރުމަށް އެހީއަކަށް ވާނެ.” ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
ޖަޕާނާއި ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރު ވަނީ 55 އަހަރު ފުރިފައެވެ. ޖަޕާނުން އަންނަނީ ރާއްޖޭގެ ތަޢުލީ ދާއިރާއާއި ސިއްޙީ ދާއިރާ، ތިމާވެށީގެ ދާއިރާ އަދި އާއްމު އިޖްތިމާޢީ ދާއިރާތަކުންވެސް ގިނަގުނަ އެހީތައް ފޯރުކޮށްދެމުންނެވެ. އަދި ކޯވިޑްގެ ޙާލަތުގައި ޖަޕާނުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ފޮރިން މިނިސްޓްރީއިން ފާހަގަކުރެއެވެ.