ފަރުޟު އަޅުކަންތައްތަކުގެ އިތުރުން ސުންނަތްތައް އަދާކުރުމަކީ އިންތިހާއަށް އަޖުރު އެކުލެވިގެންވާ ޢަމަލުތަކެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. “وَلاَ يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ” (رواه البخاري) މާނައީ: “އަދި އޭނާ ސުންނަތްތައް އަދާކުރުން މަތީ ދެމިހުރުމުގެ ސަބަބުން ތިމަން އިލާހު އެ އަޅެއް ދެކެ ލޯބިވެވޮޑިގަންނަވަމެވެ.” “އަދި ތިމަން އިލާހު އެ އަޅެއް ދެކެ ލޯބިވެވޮޑިގެންފުމަށް ދާން ދެން އޭނާ ސުންނަތްތައް އަދާކުރުމުގައި ދެމިހުރެއެވެ.”
މި ގޮތުން، ރަވާތިބު ސުންނަތްތަކަކީ ފަރުޟުނަމާދުތަކާ ގުޅިގެން އަންނަ ވަރަށް އަޖުރުބޮޑު ނަމާދުތަކެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. “مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ” (رواه مسلم) މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތް ކޮށްފި މީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގަނޑުވަރެއް ބިނާކުރެއްވޭނެތެވެ.” މި ހަދީޘުން ދެނެގަންނަންވީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ، ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ 12 ރަކުޢަތް ކަމެވެ. ދެވަނަ ކަމަކީ، މި ރަކުޢަތްތަކުން ލިބޭ އަޖުރުގެ މިންވަރެވެ. ސުވަރުގެއަކީ އަޅުގަނޑުމެން އެންމެން ވެސް އެ ތަނަކަށް ދިއުމަށް މަސައްކަތްކުރާ އެންމެ ފަހުގެ މަންޒިލެވެ. ކޮންމެ މުސްލިމެއްގެ ހަޤީޤީ މަޤްޞަދެވެ. މި ސުންނަތްތަކުގެ ސަބަބުން އެ ތަނުގައި ގަނޑުވަރެއް ބިނާވުން އެދި މި ސުންނަތްތައް އަދާކުރުމަކީ ތިބާ އެ ތަނަށް ދާން އެދޭކަމުގެ ހެއްކެކެވެ.
ކޮންމެއަކަސް، މި 12 ރަކުޢަތް ކުރާން ބޭނުމިއްޔާ އެއީ ކޮން ވަގުތުތަކެއްގައި ކުރެވޭ ސުންނަތްތަކެއްތޯ ބަލައިލުން މުހިންމެވެ. އެ 12 ރަކުޢަތުގެ ވަގުތުތަކަކީ، ފަތިސް ނަމާދު ކުރިން ދެ ރަކުޢަތް، މެންދުރު ނަމާދު ކުރިން ހަތަރު ރަކުޢަތް މެންދުރު ނަމާދު ފަހުން ދެ ރަކުޢަތް، މަޣްރިބް ނަމާދު ފަހުން ދެ ރަކުޢަތް އަދި އިޝާ ނަމާދު ފަހުން ދެ ރަކުޢަތެވެ.
މީގެ ތެރެއިން އެންމެ އަޖުރުބޮޑު ސުންނަތަކީ ފަތިސް ނަމާދުގެ ކުރިޔަށް އޮންނަ ދެ ރަކުޢަތެވެ. ހަދީޘެއްގައިވެއެވެ. “رَكْعَتَا اَلْفَجْرِ خَيْرٌ مِنْ اَلدُّنْيَا وَمَا فِيهَا” (رواه مسلم) މާނައީ: “ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތް ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑެވެ.”
ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އާދަވެގެން މި ސުންނަތްތައް ކުރާ މީހަކު، ސަބަބެއް މެދުވެރިވެގެން އެއިން ސުންނަތެއް ނުކުރެވިއްޖެ ނަމަ، އޭގެ ވަގުތު ފާއިތުވީ ކަމުގައި ވިޔަސް އެ ސުންނަތް ޤަޟާކުރެވިދާނެއެވެ. މިސާލަކަށް، ފަތިސް ނަމާދު ޖަމާޢަތަށް ދެވުނުއިރު ނަމާދު ފައްޓާފައި އޮތިއްޔާ ނަމާދަށް ފަހު، އިހު ސުންނަތުގެ ދެ ރަކުޢަތް ޤަޟާކުރެވިދާނެއެވެ.
ހުކުރު ދުވަހު، ހުކުރަށް ހާޒިރުވާ މީހުންނަށް މެންދުރު ނަމާދުގެ އިހު ސުންނަތެއް ނުވެއެވެ. ހުކުރު ދުވަހު އޮތީ ހުކުރުގެ ސުންނަތެވެ. އެއީ ހުކުރު ނަމާދުގެ ފަހުން އޮންނަ ސުންނަތެވެ. މިސްކިތުގައި ކުރަންޏާ ހަތަރު ރަކުޢަތެވެ. ގެޔަށް ގޮސް ކުރަންޏާ ދެ ރަކުޢަތެވެ.
ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ބެލެވޭނީ ފަރުޟު ނަމާދުގެ ހިސާބެވެ. އެ ނަމާދުތަކުގައި އުނިކަމެއްވާ ނަމަ، ސުންނަތް ނަމާދުތަކުން އެބައި ފުރިހަމަ ކުރެއްވުމަށް މާތް ﷲ ވަޙީކުރައްވާނެތެވެ. ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. “އޭ މަލާއިކަތުންނޭވެ! ތިމަން އިލާހުގެ މިހިރަ އަޅާގެ ސުންނަތް އަޅުކަންތަކަށް ބައްލަވާށެވެ. އަދި އުނިވެފައިވާ ފަރުޟުތައް އެއިން ފުރިހަމަ ކުރައްވާށެވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުންނަތް އަޅުކަންތައް ސުންނަތެކޭ ކިޔައިފައި ދޫކޮށްނުލާށެވެ! ސަލަފުއްޞާލިޙުން ދެއްކެވި މަގަކީ ފަރުޟުތަކަށް ފަހު ސުންނަތްތަކަށް ވެސް ވަރަށް މަތިވެރި އަހަންމިއްޔަތުކަމެއް ދެއްވުމެވެ. ދުޢާއަކީ ސުންނަތްތައް އަދާކުރުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد