ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރަ އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓެވެ.
ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ހީނަރުކަން އައިސްފައިވާއިރު ސަރުކާރުން އަންނަނީ ދައުލަތް ހިގުމަށްޓަކައި ބޭރުގެ އެކި މާލީ އިދާރާތަކުން ހިލޭ އެހީ އާއި ލޯނުތައް ނަގަމުންނެވެ. އެގޮތުން ސަރުކާރުން މި އަހަރު 12 ފަރާތެއްގެ އަތުން ލޯނު ނަގާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.