ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގެ ރިޕޯޓު ލިބުނުހާ އަވަހަކަށް މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ހުކުމްގެ މަރުހަލާ ނިންމާލުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ “ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން، މި ދެ ކުށަށް ބެލި ކަމުގައި ވިޔަސް، ދައުލަތަކަށް ހަމަ އެންމެ ހެއްކެއްވެސް، ހަމަ އެންމެ ހެއްކެއްވެސް ހުށަހެޅިފައެއް ނުވޭ، ކޮބާތޯ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ހިންގެވި އަމަލަކީ،”
ޖަމީލް ވިދާޅުވީ އެ އަމަލު ހިންގަން ރައީސް ޔާމީން ނުފޫޒު ފޯރުވި ގޮތަކީ ކޮބާކަން ސާބިތުވާ ވަރުގެ އެންމެ ހެއްކެއްވެސް ދައުލަތައް ހުށަހެޅިފާ ނުވާކަމަށެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީއާއި ޖިނާއީ އިޖުރާތްތަކުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިއަދު އިރުއޮއްސުނު އިރު އެވެ.