ނަރަކައަކީ ﷲ تعالى އަށް ނުކިޔަމަންތެރިވި އަޅުތަކުންނަށް، އެއިލާހު ތައްޔާރުކުރައްވައިފައިވާ ޢަޛާބުގެ ގޮވައްޗެވެ. އެ ތަނުގެ ހޫނު ވަރަށް ގަދަ ވާނެއެވެ. އަދި އެ ތަން އެހާމެ ފުންވާނެއެވެ. ނަރަކައަށް ވައްޓައިލެވޭ ހިލަގަނޑެއް އެ ތަނުގެ އެންމެ އަޑީގައި ޖެހެންދެން 70 އަހަރު ވެއްޓިވެއްޓި ހުންނާނެއެވެ. ޤިޔާމަތްދުވަހު ނަރަކަ ގެނެވޭއިރު އޭގައި ހަތްދިހަ ހާސް ލަގަން ވާނެއެވެ. ކޮންމެ ލަގަނަކާ އެކު ހަތްދިހަ ހާސް މަލާއިކަތުން އެ ނަރަކަ ދަމާފައި ގެންނާނެއެވެ.
ދުނިޔޭގައި މިވާ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ ހަތްދިހަ ބައިކުޅަ އެއް ބައެވެ. އަދި ދުނިޔޭގެ އަލިފާނަކީ ނަރަކައިގެ އަލިފާން ހަނދުމަކޮށްދެނިވި އެއްޗެކެވެ. ނަރަކައިގެ އަހުލުވެރީންގެ ހެދުމަކީ އެ ތަނުގެ އަލިފާނުން ތައްޔާރުކޮށްފައިވާ ހެދުމެކެވެ. ބުއިމަކީ ކެކިކެކި ހުންނަ ހޫނުފެނާއި އެ ތަނުގެ އަހުލުވެރީންގެ ފާ ދިޔައެވެ. އަދި ކެއުމަކީ ޒައްޤޫމެވެ. އެއީ ނަރަކައިގެ އަޑިން ފަޅައިގެން ހެދޭ ގަހެކެވެ. އޭގެ މޭވާ ޝައިޠާނުންގެ ބޯތަކެކޭ އެއްފަދައެވެ. ފަހެ އެއިން އެބައިމީހުންގެ ބަނޑުތައް ފުރާލާނެއެވެ. އެބައިމީހުންގެ ބަނޑުތަކުގައި ތެޔޮކުނޑި ފަދައިން އެ ކެކޭނެއެވެ.
އެ ތަނުގެ އަހުލުވެރީންނަށް ޢަޛާބު ދިނުމަށް ދަގަނޑު ޗާބޫކުތަކެއް ތައްޔާރުކޮށްފައިވެއެވެ. އަދި އެބައިމީހުންގެ ކަނދުރާތަކުގައި ކަސްތޮޅުއެޅި، ހިލިހިލާޖެހި އެބައިމީހުން ދަމާފައި ގެންދެވޭނެއެވެ. ކެކިކެކިހުރި ހޫނުފެނުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެއެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެބައިމީހުން އެންދޭނެއެވެ. އެބައިމީހުންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެ ތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އަލުން އެ ތަނަށް ވައްދަވާހުށްޓެވެ. ދެން އެބައިމީހުން އެދޭނީ އެބައިމީހުން މަރުގެންނެވުމަށެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. ﴿وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ﴾ (سورة الزخرف: ٧٧) މާނައީ: “އެބައިމީހުން ގޮވާނެއެވެ. އޭ މާލިކުގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ (ޢަޛާބުގައި) ދެމިތިބޭނޭ ބަޔެކެވެ.”
ފަހެ ޤިޔާމަތްދުވަހުން، ނުކިޔަމަންތެރިވި އެންމެހާ އިންސީންނާއި ޖިންނީން ނަރަކައަށްލައި އެތަން ފުރުއްވާނެތެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “لاَ تَزَالُ جَهَنَّمُ تَقُولُ: هَلْ مِنْ مَزِيدٍ، حَتَّى يَضَعَ رَبُّ العِزَّةِ فِيهَا قَدَمَهُ، فَتَقُولُ: قَطْ قَطْ وَعِزَّتِكَ، وَيُزْوَى بَعْضُهَا إِلَى بَعْضٍ” [رواه البخاري (6661) ومسلم 37 – (2848)] މާނައީ: “(ޤިޔާމަތްދުވަހު) މެދުކެނޑުމެއް ނެތި ނަރަކަ ގޮވަމުން ދާނެއެވެ. އިތުރަށް ވޭހެއްޔެވެ؟ އެހިނދު ޢިއްޒަތްތެރިވެވޮޑިގެންވާ ރައްބު، އެއިލާހުގެ ފައިންޕުޅު ނަރަކައިގައި އަޅުއްވާނެތެވެ. އަދި އެހާރުން ނަރަކަ ގޮވަން ފަށާނެއެވެ. އިބަ އިލާހުގެ ޢިއްޒަތް ގަންދީ ބުނަމެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ. (ދެން ފަހެ) ނަރަކައިގެ އެއްބައި އަނެއްބައިގެ ތެރެއަށް ވަދެގެން ދާގޮތަށް ކުރުޖެހިގެން ދާނެއެވެ.”
ދުޢާއަކީ، ﷲ تعالى ނަރަކައިގެ ވޭންދެނިވި ޢަޛާބުން އަޅަމެން އެންމެން ރައްކައުތެރިކޮށްދެއްވައި މިންޖުކޮށްދެއްވުމެވެ! އާމީން.
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَيْخ عِمْرَان مُحَمَّد عَلِي