އިންތިހާބު ކާމިޔާބު ކުރާނެ ފޯމިޔުލާ އެނގިލައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
”އިބޫ 2023 ކުރިއަށް“ ނަމުގައި އެމްޑީޕީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާއިމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އަދި ޕްރައިމަރީން ވެސް ބޮޑު ތަފާތަކުން ކުރި ހޯއްދެވޭނެ ކަމުގެ ޔަގީން އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ނިކުމެ ހުންނެވީ ތަޖުރިބާ އާއިއެކު ކަމަށާއި، ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހަ އިންތިހާބު މިހާތަނަށް އެމަނިކުފާނު ކާމިޔާބު ކުރައްވާފައިވާނެ ކަމަށެވެ.
އެއީ، މަޖިލީހުގެ ފަސް އިންތިހާބާއި، ރިޔާސީ އިންތިހާބުކަން ފާހަގަކުރެއްވި އެވެ. އަދި ދެވަނަ ދައުރަކަށް ކުރިމަތި ލެއްވީވެސް އިތުރު ވެރިކަމުގެ ފަސް އަހަރު އެމްޑީޕީއަށް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.