ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ގައުމީ އިނާމާބެހޭ ކޮމިޓީން މިއަހަރު ވަނީ ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އުސޫލަށް ގެނައި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރު ވީނަމަވެސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމެވެ.

އަނެއް ބަދަލަކީ، ކުރިން އުސޫލުު އޮންނަ ގޮތުން ކުންފުނި، ޖަމްއިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، އެ ފަރާތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭގޮތަށް ބަދަލު ގެނެސްފައިވާ ބަދަލެވެ.

މީގެއިތުރުން، މިހާރު އިނާމު ދެމުން ގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއްވެސް ވަނީ އިތުރު ކޮށްފައެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާއެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވުމުންނެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި، އެ ފަރާތަކުން ނުވަތަ ޖަމްއިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި، ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި، އަދި ހޯދާފައިވާ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކަށް ކޮމިޓީން ބަލާގޮތަށް ވަނީ ނިންމާފައެވެ.

ހިތްވަރު ދިނުމުގެ އިނާމު ދޭނީ، އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމްއިއްޔާ ޖަމާއަތެއްނަމަ ޚިދުމަތުގައި މަދުވެގެން 10 އަހަރު ވުމުންނެއެވެ.

މިއަހަރު ވެސް އިނާމަށް ނަން ހުށަހެޅުމަށް ހަމަޖައްސާފައިވަނީ، އިނާމަށް ނަން ހުށަހަޅާ “ފޯމު ހުށަހެޅުން” http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްގެންނާއި، info@po.gov.mv އީމެއިލް މެދުވެރިކޮށްގެންނާއި، އެ އޮފީހަށް ފޯމު ހުށަހަޅައިގެންނެވެ. މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ